ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖެއިން އެނބުރިދާ ޓޫރިސްޓުން ކޯވިޑް-19 އަށް ތެސްޓު ކުރަން ހާއްސަކޮށް ޕީސީއާރު މެޝިނެއް ބަހައްޓަން ނިންމައިފި އެވެ.
ނިއު ނޯމަލްގައި އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ވައިބޯޑަރު ހުޅުވައި ޓޫރިސްޓުން އައުމުގެ ހުއްދަ ދިނުމަށް ނިންމާފައިވެ އެވެ. އެކަމަކު ރާއްޖެ އަންނަ ޓޫރިސްޓުން ކޯވިޑަށް ޓެސްޓު ކުރާކަށް ނުޖެހެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން ފޮނުވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އެކަމަކު އެގައުމަށް އެނބުރިދާ ޗައިނާ މީހުން 120 ގަޑިއިރު ހަމަ ނުވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ އޮންނަން ޖެހޭތީ ވީއައިއޭގައި ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހުނީ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ވީއައިއޭގައި ޓޫރިސްޓުންނަށް ހާއްސަކޮށްގެން ބަހައްޓާ ޕީސީއާރު މެޝިން ރާއްޖެއަށް ހަދިޔާ ކުރަނީ ޗައިނާ ސަރުކާރުން ކަމަށެވެ. އެ މެޝިނުން ދުވާލު 1،000 ސާމްޕަލް ޓެސްޓު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އެއީ ޗައިނާ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުކަމަށްވާތީ އެކަމަށް އިހުތިރާމް ކުރާ ކަމަށާއި އެހެން ގައުމަކުން މިފަދަ ގޮތަކަށް ނިންމާފައިވާ ނަމަ ރާއްޖެއަށް އެގައުމަކުން އަންނަ ޓޫރިސްޓުންގެ ނިސްބަތަށް ބަލައި އިންތިޒާމްތައް ހަމަޖައްސައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް މިއަހަރު ކުރިޔަށް އޮތް ހަމަހެއްދާ ދުވަހު އަންނާނެ ކަމަށް ލަފާ ކުރެވެނީ ފަސް ލައްކައެއްހާ ޓޫރިސްޓުން ކަމަށެވެ. އަދި ބައެއް ރިސޯޓުތަކުގެ އޮކިއުޕެންސީ މިހާރުވެސް ކުރިޔަށް އޮތްތަނަށް 30 ޕަސެންޓު ފުރިފައިވާތީ ޓޫރިޒަމަށް ކުރިމަގު އެބައޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް