ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ސަރުކާރަށް ދޫކޮށްފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދެން އެ ގައުމުގެ ސަރުކާރުން އެއްބަސްވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދުވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޖީ20 ގައުމުތަކުން ދޫކޮށްފައިވާ ލޯނުތައް ދެއްކުމުގައި ލުއި ދޭން ނިންމާފައިވާ އުސޫލުގެ ދަށުން ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާ ސަރުކާޜުން ދިވެހި ސަރުކާރަށް ދީފައިވާ ކަމަށެވެ. މަޝްވަރާތަކުގައި އެއްބަސްވެވިފައިވަނީ ލޯނުތައް ދެއްކުމަށް ހަތަރު ނުވަތަ ފަސް އަހަރުގެ މުއްދަތެއް ދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުން ދިވެހި ސަރުކާރަށް ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލަ އަދަދު އުޅެނީ 600 މިލިއަން ޑޮލަރުގައި ކަމަށެވެ. އަދި އަމިއްލަ ކުންފުނިތަކުން ދޫކޮށްފައިވާ ލޯނުތަކާއި އެކު ޖުމްލަ 1.5 ބިލިއަން ރުފިޔާގެ ލޯނު ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ކަމަށެވެ.
އެ ލޯނުތަކުގެ ތެރެއިން މިއަހަރުގެ ނިޔަލަށް ދައްކަން ޖެހެނީ 75 މިލިއަން ޑޮލަރެވެ. ރައީސް ވިދާޅުވީ އެ ފައިސާ ދެއްކުމުގައިވެސް ލުއިތަކެއް ދޭނެ ކަމަށް ޗައިނާއިން އެއްބަސްވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމީ އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދު އަޑިއަޅާލި އިރު ޗައިނާއިން ނަގާފައިވާ ހުރިހާ ލޯނުތަކެއް މައާފުކޮށްދިން ކަމަށެވެ. ހަމައެގޮތަށް އުންމީދު ކުރައްވަނީ ކޯވިޑް-19 ގެ މި ހާލަތުގައިވެސް އެފަދަ ލުއިތަކެއް ލިބޭނެ ކަމުގައި އުންމީދު ކުރައްވާ ކަމަށެވެ.
އިތުރަށް ވިދާޅުވީ ޗައިނާއިން މި ދަނޑިވަޅު ރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދެމުންދާ ކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާ ކުރައްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް