ރާއްޖޭގެ ވައިގެ ބޯޑަރު އަންނަ މަހުގެ 15 ގައި ހުޅުވާލައި ޓޫރިޒަމް އިންޑަސްޓްރީ އަލުން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާއި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޖުލައި މަހުން ފެށިގެން ރާއްޖޭގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ބޮޑެތި މަރުހަލާތަކެއް ފެށިގެން ދާނެ ކަމަށެވެ. އެގޮތުން މާލޭގައި ޖަމާއަތުގައި ނަމާދު ކުރުމާއި ސްކޫލްތަކުގައި ކިޔަވައި ދޭން ފެށުމާއި، ސަރުކާރުގެ އޮފީސްތައް ހުޅުވުމާއި، ކެފޭ ރެސްޓޯރެންޓުތައް ހުޅުވުގެ އިތުރުން ރާއްޖޭގެ ބޯޑަރު ހުޅުވުން ހިމެނޭ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލަނީ ހުރިހާ ގައުމުތަކެއްގެ މީހުންނަށްވެސް ރާއްޖެ އެތެރެވޭ ގޮތަށެވެ. އެއްވެސް ގައުމެއްގެ ބަޔަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާފައި ނުވާކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ މަހު ބޯޑަރު ހުޅުވާލައި ރިސޯޓުތަކަށް ޓޫރިސްޓުން އައުމުގެ ހުއްދަ ދޭން ނިންމިޔަސް ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެނައުމުގެ ހުއްދަ ދޭނީ އަންނަ އޯގަސްޓު މަހުގެ ތެރޭގައި ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމްގެ މިއަހަރުގެ ކުރިމަގާއި ބެހޭގޮތުން ރައީސް ވިދާޅުވީ މިހާރުވެސް ބައެއް ރިސޯޓުތަކުގެ އޮކިއުޕެންސީ ޖުލައި ފަހުކޮޅުން ފެށިގެން30 ޕަސެންޓު ފުލްކޮށް އުޅޭ ކަމަށެވެ.
ސަރުކާރުން ލަފާ ކުރާގޮތުގައި ކުރިޔަށް އޮތް ހަ މަސް ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ ފަސް ލައްކަ ޓޫޜިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް