ސްކޫލްތައް އަލުން ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށް

ސްކޫލްތައް އަލުން ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަމުންދާ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. އެގޮތުން އެ މިނިސްޓްރީން ބުނެފައިވަނީ ސްކޫލްތައް ހު...

23 Jun 2020 | 10:26

ސްކޫލްތައް އަލުން ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަމުންދާ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން އެ މިނިސްޓްރީން ބުނެފައިވަނީ ސްކޫލްތައް ހުޅުވުމަށް ބޭނުންވާ ބަޖެޓް އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ހަމަޔަށް ލިބިފައި  ކަމަށާއި ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ހޯދަން ޖެހޭ ތަކެތި (ސެނިޓައިޒަރ، ޑިސް އިންފެކްޓް ކުރުމަށް ބޭނުންވާ ތަކެތި، އަތް ދޮވުމަށް ސައިބޯނި) މިނިސްޓްރީން ހޯދައި ސްކޫލްތަކަށް ފޮނުވަމުން އަންނަ ކަމަށެވެ. އަދި މިތަކެތި ގިނަ ސްކޫލްތަކަށް މިހާރު ވާނީ ފޮނުވިފައި ކަމަށާއި މީގެ ތެރެއިން އަތް ދޮންނަ ސައިބޯނި ހޯދާފައިވަނީ ޔުނިސެފްގެ އެހީތެރިކަމާއެކު، އަދި އެހެން ހުރިހައި ތަކެތި ގަނެފައިވަނީ މި މިނިސްޓްރީގެ ބަޖެޓުން ކަމުގައިވެސް ބުނެފައިވެއެވެ.

"ސްކޫލްތަކުގައި ގާއިމްކުރަން ޖެހޭ ހޭންޑްވޮޝިން ސްޓޭޝަންތައް މިހާރު ދަނީ ހަދަމުން. ސްކޫލް ހުޅުވޭއިރު ހުރިހައި ސްކޫލެއްގައި ގާއިމްކޮށް ނިންމޭނެ. ހުރިހާ ސްކޫލަކަށް ހުންބަލަން ތާމޯމީޓަރު މިދަނީ ފޯރުކޮށްދެމުން" މިނިސްޓްރީން ބުނެފައިވެއެވެ. އަދި ސްކޫލްތަކުގައި ކުރަންޖެހޭ މަރާމާތުތައް ދަނީ ކުރެވެމުން. ސްކޫލް ހުޅުވޭއިރު ހުރިހައި ސްކޫލެއްގައި ކުރަންޖެހޭ މަރާމާތުތައް ކޮށް ނިންމޭނެ ކަމަށާއި މި މަސައްކަތްތަކުގައި ބައެއް ކޮންސްޓްރަކްޝަން ކުންފުނިތަކުން އަޅުގަނޑުމެނަށް ވެދެއްވާ ހިލޭ އެހީތައް ފާހަގަކުރާ ކަމުގައިވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މިފަދަ ބަލިމަޑުކަމަކަށްފަހު ގިނަ ދުވަސްތަކެއް ސްކޫލާއި ދުރުގައި ތިބުމަށްފަހު ދަރިވަރުން އެނބުރި ސްކޫލަށް އަންނައިރު ދިމާވެދާނެ ނަފްސާނީ ބަލިތަކަށް އެހީފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ 11000 މުދައްރިސުންނަށް ބޭސިކް ސައިކޯސޯޝަލް ސަޕޯޓާއި ސައިކޮލޮޖިކަލް ފަސްޓްއެއިޑް ޓްރޭނިންތައް ދޭންވަނީ ފެށިފައި ކަމަށާއި ސްކޫލްތަކުގެ ސަޕޯޓް ސްޓާފުންނަށް ސެނިޓައިޒް އާއި ޑިސް އިންފެކްޓް ކުރާނެގޮތުގެ ތަމްރީނުތަކެއް ދަނީ ހިންގެމުން ކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ޔުނިސެފްގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ އެޑިއުކޭޝަން ރެސްޕޯންސް ޕްލޭން (އީއާރުޕީ) އަކީ ތިން ބަޔަކަށް ބަހާލެވިފައިވާ ތިން އަހަރު ދުވަހުގެ ޕްލޭނެއް ކަމަށާއި މި ޕްލޭންގައި ހިމެނެނީ ސްކޫލްތައް ހުޅުވުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ސްކޫލްތައް ހުޅުވޭ މަރުހަލާގައި ކުރަންޖެހޭ ކަންތަކާއި ސްކޫލްތައް ހުޅުވުމަށްފަހު ކުރަންޖެހޭ ކަންތައް ކަމަށެވެ. އަދި ސްކޫލްތައް ހުޅުވަން ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި ޔުނިސެފް އާއި ޑަބްލިއުއެޗްއޯގެ ދީލަތި އެހީތެރިކަމާއެކުކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް