ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ބަޔަކާއި ދެކޮޅަށް ފުލުހުން ރ. އަތޮޅުގައި ވަރުގަދަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުންގެ މީޑީއާއިން ބުނީ މި އޮޕަރޭޝަނަކީ ހައްދު ފަހަނައަޅާފައިވާ ބަޔަކު ފަޅު ރަށެއްގައި ވަކި ޖަމާއަތް ހަދައިގެން އުޅެމުންދާ ކަމުގެ ރިޕޯޓު ލިބިގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. ފުލުހުން ބުނީ އެ މީހުން ފަޅުރަށުގައި އުޅެމުންދަނީ ކަމާ ގުޅޭ އެއްވެސް އިދާރާއަކުން ހުއްދަ ހޯދުމަކައި ނުލައި ކަމަށެވެ.
މި އޮޕަރޭޝަންގައި ފުލުހުން ދަނީ އެ އަތޮޅު މަޑުއްވަރީގައި ހަރަކާތްތެރިވަމުންނެވެ. އެ ރަށުން ބައެއް މީހުން މީޑިއާގައި ބުނެފައިވާ ގޮތުގައި އެ ރަށުން ފުލުހުން ބަލާ ފާސްކުރަމުން ދަނީ މީގެ ކުރިންވެސް ހަރުކަށި ފިކުރަށް ތާއީދު ކުރާ ބަޔަކު ދިރިއުޅެމުންދާ ގެއެއްކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި ފަސް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ތަހުގީގަށް އެނގިފައިވާގޮތުގައި ފަޅުރަށުގައި ވަކި ޖަމާއަތް ހަދައިގެން އުޅެމުންދާ މީހުން ދަނީ އެ އަތޮޅުގެ ރަށްރަށާއި ރިސޯޓުތަކަށް އަރައި އާންމު ރައްޔިތުންނާއި ކުންފުނިތަކުގެ މުދަަލަށް ގެއްލުން ދެމުންދާ ކަމަށެވެ. އަދި މީހުންގެ މުދާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް