ބޯޑަރު ހުޅުވާ ދުވަސް މިއަދު ރައީސް އިއުލާނު ކުރައްވަނީ

ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވާ ޓޫރިޒަމް ފަށައިގެންނަ ދުވަސް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވަން ނިންމަވައިފި އެވެ. މިކަން ހާމަ ކުރެއްވީ މިއަދު ރައްޔިތުންގެ މަޖި...

23 Jun 2020 | 07:57

ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވާ ޓޫރިޒަމް ފަށައިގެންނަ ދުވަސް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވަން ނިންމަވައިފި އެވެ.

މިކަން ހާމަ ކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދުގެ ވަގުތެއްގައި ރައީސް ސޯލިހު ގައުމާއި މުހާތަބު ކުރައްވާނެ ކަމަށެވެ. އަދި ގައުމާ މުހާތަބު ކުރައްވާ ދައްކަވާ ވާހަކަފުޅުގައި ބޯޑަރު އަލުން ހުޅުވައި ޓޫރިޒަމް ފަށައި ގަންނާނެ ދުވަހެއް އިއުލާނު ކުރައްވާނެ އެވެ.

މިނިސްޓަރު އަލީ ވިދާޅުވީ ފަތުރުވެރިކަން ހުޅުވާލުމަށް މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވާންޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ ހުރިހާ އިދާރާތަކުން މިހާރު އިންތިޒާރުކޮށްގެން ތިބީ އެ ވަގުތަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ވީހާވެސް އަވަހަކަށް ހުޅުވާލަން ޖެހޭ ކަމަށެވެ. ގިނަ ދުވަހު މި އިންޑަސްޓްރީ ބަންދުކޮށްފައި ބާއްވަން ޖެހުމުން ރިސޯޓުތަކާއި ވިޔަފާރިވެރިން އަދި މުވައްޒަފުން ވަރަށް ބޮޑަށް ހާލުގައި ޖެހެމުންދާ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އޮންއެރަވައިވަލް ވިސާ ދޫކުރުން ހުއްޓާލީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް