ސާނަވީ ނިންމާ އިމްތިހާނުތައް އަންނަ އަހަރުގެ މޭ، ޖޫނަށް ފަސްކޮށްފި

މި އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ތާވަލު ކުރެވިފައިވާ ސާނަވީ ނިންމާ އިމްތިހާނުތައް 2021 ވަނަ އަހަރުގެ މޭ/ޖޫން ގައި ބޭއްވުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި ބަދަލާއެކު...

23 May 2020 | 17:07

މި އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ތާވަލު ކުރެވިފައިވާ ސާނަވީ ނިންމާ އިމްތިހާނުތައް 2021 ވަނަ އަހަރުގެ މޭ/ޖޫން ގައި ބޭއްވުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި ބަދަލާއެކު އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާނުތައްވެސް މި އަހަރު ނޯންނާނެ ކަމަށާއި، ދެން އެ އިމްތިހާންތައްވެސް އޮންނާނީ 2021 ވަނަ އަހަރުގެ މޭ/ޖޫން ގައި ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ  އެހެންކަމުން މިހާރު ގްރޭޑް10ގައި ކިޔަވާ ދަރިވަރުންނާއި އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ މި އަހަރުގެ ޝަހާދާސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން 2021 ވަނަ އަހަރުގެ މޭ/ޖޫން އިމްތިހާނުތައް ނިމެންދެން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ.

އަދި މި ބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި، މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު ވަނީ ނިންމާފައި ކަމަށާއި އަދި މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ލަސްތަކެއް ނުވެ އިއުލާނުކުރެވޭނެ ކަމުގައިވެސް އެޑިއުކޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް