ކައުންސިލްތަކުން އާންމުންނަށް ހިލޭ އެހީ ދެނީ ގާނޫނާއި ހިލާފަށް ކަމަށް ފިނޭންސުން ބުނެފި

ރަށްރަށުގެ ކައުންސިލްތަކުން އާންމުންނަށް ހިލޭ އެހީ ދެމުންދަނީ ގާނޫނާއި ހިލާފަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. ފިނޭންސް މިނިސްޓްރީގެ ދަށުގައި ހިންގާ ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީއިން ...

23 May 2020 | 10:40

ރަށްރަށުގެ ކައުންސިލްތަކުން އާންމުންނަށް ހިލޭ އެހީ ދެމުންދަނީ ގާނޫނާއި ހިލާފަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުގައި ހިންގާ ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމެޓީއިން ނެރުނު ލަފާއެއްގައި ބުނެފައިވަނީ އެކި ކަންކަމާ ގުޅިގެން ލޯކަލް ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ މާފުކުރުމާއި، ސަބްސިޑީ ދިނުމާއި، ހާއްސަ އެހީ ދިނުމާއި، އަމިއްލަ ފަރުދުންނަށް އެކި ބާވަތްބާވަތުގެ އެހީތައް ކައުންސިލްގެ މާލިއްޔަތުން ދޭ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ އެ ކޮމެޓީއަށް ލިބެމުންދާ ކަމަށެވެ.

އެ ކޮމިޓީން ބުނީ ފިނޭންސް އިން އާންމުކޮށްފައިވާ "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" ގެ 17 ވަނަ މާއްދާގައި، ތަކެތި ނުވަތަ ހިދުމަތުގެ އަގު ހެޔޮކުރުމުގެ ގޮތުން އެހީއެއް ނުވަތަ ސަބްސިޑީއެއް ކައުންސިލްތަކުން އެއްވެސް ފަރާތަކަށް ފޯރުކޮށްދީގެން ނުވާނެކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ. މާލިއްޔަތު ގަވައިދާ ހަވާލާދީ އެ ކޮމިޓީން ބުނެފައިވަނީ ދައުލަތުން އެއްވެސް ފަރާތަކަށް އެހީއެއް ދޭންޖެހިއްޖެނަމަ އެ އެހީއެއް ދޭންޖެހޭނީ މާލިއްޔަތު ގަވައިދުގެ 6.23 ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގެ ދަށުން ކަމަށާއި އެ އެހީ ދެވޭނީ އެ ދާއިރާއެއްގެ އެންމެ މަތީ ވެރިއެއްގެ ހުއްދައާއެކު މާލީ ޒިއްމާދާރުވެރިޔާ ފިނޭންސަށް މިނިސްޓްރީއަށް ހުށަހަޅައިގެން ކަމަށެވެ.

އިންޓާނަލް އޮޑިޓް ކޮމެޓީގެ ލަފާގައި ބުނީ މި މައްސަލައާ ގުޅިގެން އެ ކޮމިޓީގެ ފަރާތުން، ކައުންސިލްތަކުން "އިން ކައިންޑް" ގެ ގޮތުގައި އެހީތައް ރައްޔިތުންނަށް ދެވިދާނެތޯ ބެލުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފަޔަކަށް އެދުނު ކަމަށެވެ. މިކަމުގައި އޭޖީ އޮފީހުން ލަފާދީފައިވަނީ މިގޮތަށް އެހީ ދުނުމަކީ ގާނޫނުތަކަށް ރިއާޔަތްކުރާއިރު ހުއްދަކަމެއް ކަމަށް ނުފެންނަކަމަށެވެ.

އެހެންކަމުން، ކައުންސިލުގެ މާލިއްޔަތުން ހަރަދުކުރަންވާނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ކަމަށް ބުނެފައިވެ އެވެ. މިނިސްޓްރީ އޮފް ފިނޭންސްއިން އާންމުކޮށްފައިވާ "ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތަށް ނޫން ގޮތްގޮތަށް ކައުންސިލްތަކުން ސަބްސިޑީއާއި، "އިންކައިންޑް" ގެ ގޮތުގައި އެއްވެސް ފަރާތަކަށް އެއްވެސް އެހީއެއް ދިނުމަށް، ކަމާއި ގުޅޭ ގާނޫނުތަކާއި ގަވައިދުތައް ތަންނުދޭކަމަށް ހުރިހާ ކައުންސިލްތަކަށް ހަނދާންކޮށްދޭ ކަމަށް އެ ލަފާގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް