ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ. ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލާފައިވަނީ މަނީ...

23 May 2020 | 09:00

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލާފައިވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ. ޖަލަށް ހުކުމް ކުރުމުގެ އިތުރުން ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައިވެ އެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ގަރާރު ހުށަހެޅުމުގެ ބޭނުމަކީ ސިޔާސީ ވާދަވެރިކަން ނެތިކޮށް، ގައުމީ ރޫޙެއްގައި ރައްޔިތުން ސަލާމަތް ކުރުން ކަމަށެވެ. ޖާބިރު ވިދާޅުވީ ކޯވިޑާއި ގުޅިގެން ދިމާވެފައިވާ ދަތި ވަގުތުގައި ޔާމީން މިނިވަންކޮށް، އެ މަނިކުފާނުގެ އެހީ ސަރުކާރުން ހޯދަންޖެހޭ ކަމަށެވެ.

ކޯވިޑް-19 މުޅި ދުނިޔެއަށް ފެތުރި އެ ބަލި ރާއްޖެ އަށް ވެސް އައިސްފައިވާއިރު، އޭގެ ސަބަބުން ޓޫރިޒަމް ހުއްޓި، އިގްތިސާދު ހީނަރުވެ، ރައްޔިތުން ބިކަހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. ޖާބިރު ވިދާޅުވެފައިވަނީ ޔާމީން އާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ބައްދަލުކުރައްވާ، ރައީސް ޔާމީންގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށްޓަކައި މަޝްވަރާ ކުރުމަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

ޔާމީންގެ ފަރާތްޕުޅުން ލިބޭނެ އަދި ހޯދަން އެދިވަޑައިގެންނަވާ އެހީތެރިކަމުގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ ޗައިނާ އާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގެ އެހީ އެވެ. ޖާބިރު ވިދާޅުވީ އެ ގައުމުތަކުން އެހީ ހޯދުމަށް ޔާމީން މެދުވެރިކޮށް މަސައްކަތް ކުރުމުން ވަރަށް ފަސޭހަ ވާނެ ކަމަށެވެ.

ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވާއިރު އިދިކޮޅުން ތަކުރާރުކޮށް ގޮޮވާލަމުން މި ދަނޑުވަޅު ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް ނުވަތަ ގޭ ބަންދަށް ބަދަލު ކުރުމަށެވެ. އަދި އެމަނިކުފާނު ޖަލަށް ލާފައި ހުރީ ނުހައްގުން ކަމަށް އިދިކޮޅުން ބުނެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތައި ގުޅުން ހުރި އެ މަނީލޯންޑަރިންގެ މައްސަލައިގަ ހަމައެކަނި ޖަލުގައި ރައީސް ޔާމީން ހުންނަވަން ޖެހުމަކީ އިންސާފު ނޫންކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް