ރާއްޖޭގައި ރިސޯޓު ހިންގާ މައިނާ ހޮޓެލްސް ގްރޫޕުން ރާއްޖެއަށް ކޯވިޑް-19 އަށް ޓެސްޓު ކުރާ ޕީސީއާރު މެޝިނެޓް ހަދިޔާ ކޮށްފި އެވެ.
ޕީސީއާރު މެޝިނެއްގެ އިތުރުން އެ ކުންފުނިން ވަނީ ރާއްޖެއަށް ގާތްގަނޑަކަށް 400 ލީޓަރުގެ ހޭންޑް ސެނިޓައިޒާ ހަދިޔާ ކޮށްފައި އެވެ.
އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ސިއްހީ ދާއިރާއަށް ދިމާވެފައިވާ މި ނާޒުކު ދަނޑިވަޅުގައި މިއީ ރާއްޖެއަށް ކޮންމެހެން މުހިއްމު ތަކެތި ކަމަށެވެ. އެ މިނިސްޓްރީން ވަނީ މައިނާ ގްރޫޕަށް ހާއްސަ ޝުކުރެއް އަދާކޮށްފައި އެވެ.
ކޯވިޑަށް ޓެސްޓު ކުރަން މިވަގުތު ރާއްޖޭގައި ބޭނުން ކުރަމުންދަނީ ތިން މެޝިނެވެ. އެއީ އައިޖީއެމްއެޗުގައި ހުރި ދެ މެޝިނާއި ފުލުހުންގެ ފޮރެންސިކް ލެބް ގައި ހުރި މެޝިނެކެވެ. އަދި މާދަމާއިން ފެށިގެން އޭޑީކޭ ހޮސްޕިޓަލްގައި ކޯވިޑަށް ޓެސްޓު ކުރަން ފަށާނެ އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވާގޮތުގައި ޓެސްޓިން ކެޕޭސިޓީ އިތުރު ވުމަކީ މިވަގުތަށް ރާއްޖެއަށް ކޮންމެހެން ބޭނުންވެފައިވާ ކަމެކެވެ. އެއީ ބަލި ޖެހިފައިވާ މީހުން އަވަހަށް ދެނެގަތުމަށެވެ. މިހާރު ދުވާލަކު ޓެސްޓު ކުރެވެނީ300-400 އާއި ދެމެދުގެ އަދަދެއްގެ ސާމްޕަލެވެ.
މައިނާ ހޮޓެލް ގްރޫޕަކީ ތައިލެންޑުގެ ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި ނިޔާމަ ޕްރައިވެޓް އައިލެންޑް، އަނަންތަރާ ކިހާވަށް، އަނަންތަރާ ދިގު، ވެލި ރިސޯޓު އަދި ނަލަދޫ ޕްރައިވެޓް އައިލެންޑް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް