ކޯވިޑް-19: އިތުރު ގޮތެއް ނެތިގެން ރާއްޖެ އައި ދެ ފަތުރިވެރިން ނިމުމެއް ނެތް ހަނީމޫނެއްގައި !

ކޯވިޑް-19 ގެ މި ހާލަތުގައި އުފަން ގައުމަށް ދާން ބޭނުންވެ ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތާށިވެފައި އެތައް އެތައް ބަޔަކު އެބަތިއްބެވެ. ދުބާއީއަށް ނިސްބަތްވާ ހާލިދު އަދި ޕެރީ އަކީވެސް އެފަދައިނ...

23 May 2020 | 04:47

ކޯވިޑް-19 ގެ މި ހާލަތުގައި އުފަން ގައުމަށް ދާން ބޭނުންވެ ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތާށިވެފައި އެތައް އެތައް ބަޔަކު އެބަތިއްބެވެ. ދުބާއީއަށް ނިސްބަތްވާ ހާލިދު އަދި ޕެރީ އަކީވެސް އެފަދައިން ގައުމަށް ދާން ބޭނުންވެ ކޯވިޑް-19 ގެ މި ހާލަތުގައި ގައުމުން ބޭރުގައި ތާށިވެފައިތިބި ދެމަފިރީންނެވެ.

މި ދެމަފިރިންގެ ވާހަކަ ބީބީސީން ގެނެސްދީފައިވަނީ "ނިމުމެއް ނެތް ހަނީމޫނެއްގައި" ރާއްޖޭގައި ތާށިވެފައިތިބި ދެމަފިރީންގެ ގޮތުގައެވެ.

ބީބީސީއަށް ކިޔާދެމުން މި ދެމަފިރިން ބުނެފައިވަނީ ހައެއް މާރިޗުގައި ދެމަފިރިން ކައިވެނި ކުރީ މިސްރުގެ ވެރިރަށް ގާހިރާގައި، އާއިލާއާއި ރަހުމަތްތެރިންނާއެކުގައި ކަމަށެވެ.

ހާލިދުގެ އުމުރަކީ 36 އަހަރެވެ. އަދި ޕެރީގެ އުމުރަކީ 35 އަހަރެވެ.

ކައިވެންޏަށްފަހު ދެމަފިރިން ހަނީމޫނަށް ދިޔައީ މެކްސިކޯގެ ކަންކޫން އަށެވެ. މާރިޗް 19ގައި ތުރުކީ މަގުން އެނބުރި ދުބާއީއަށް ދަތުރުފެށިއިރު ކޯވިޑް-19 ގެ ހާލަތު ދުބާއީގައި އެހާ ގޯސްވެފައެއް ނުވެއެވެ. ނަމަވެސް ދަތުރުމަތީގައި، ފްލައިޓް މަތީގައި އޮއްވާ ދުބާއީގެ ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލިއެވެ. އެހެންކަމުން އެ ދެމަފިރިން ދަތުރުކުރި ފްލައިޓް އަނބުރާ ތުރުކީއަށް ޖެއްސިއެވެ. އަދި ތުރުކީގައި ތާށިވިއެވެ.

ދެ ދުވަހު ތުރުކީގެ އެއާޕޯޓުގައި ތާށިވިއެވެ. ތުރުކީއަށްވެސް އެތެރެވުމުގެ ފުރުސަތެއް ނުދިނެވެ. އެހެންކަމުން އެ ދެމަފިރިންނަށް މަޖުބޫރުވީ ޔޫއޭއީގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ލިބޭ އަދި ފްލައިޓެއް އޮތް ގައުމެއް ހިޔާރު ކުރުމަށެވެ.

އެގޮތުން އިތުރު އެއްވެސް ގޮތެއް ނެތިގެން އެދެމަފިރިން ހިޔާރު ކުރީ ދިވެހިރާއްޖެއެވެ.

މި ދެމަފިރިން ބީބީސީއަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި އެދެމަފިރިން ރާއްޖެ އާދެވުމުން އެންމެ އުފާވި ކަމަކީ އެއާޕޯޓުގެ ގޮނޑިއެއްގައި ނިދަން ނުޖެހި ކޮޓަރިއެއްގައި ނިދަން ލިބޭނެ ކަމުގެ ހިތްހަމަޖެހުމުގެ އިތުރުން ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލަކަށް، ޕްލޭން ކުރުމެއްނެތި އަދި އިތުރު ގޮތެއް ނެތިގެން ވިޔަސް އާދެވުނީތީއެވެ.

މި ދެމަފިރިން އަދިވެސް ތިބީ ރާއްޖޭގައެވެ. ފުރަތަމަ ދިޔަ ރިސޯޓުގެ ހުރިހާ ފަތުރުވެރިން ހުސްވެ، މިވަގުތު ތިބީ އޮޅުވެލި ރިސޯޓްގައެވެ. ނުފުރިފައިތިބި ގިނަ ފަތުރުވެރިންތަކެއް ތިބީ އެ ރިސޯޓްގައެވެ.

މި ދެމަފިރިން ބުނެފައިވާގޮތުގައި އެއްވެސް ޕްލޭނަކާ ނުލާ އަދި އަތުގައި މާ ގިނަ ފައިސާއެއްވެސް ނެތި ރާއްޖެއަށް މި ކުރި ހަނީމޫން ދަތުރަށް މިހާރު ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް ގައުމަށް އެނބުރި ދެވޭނެ ދުވަހެއް ނޭނގެއެވެ. އެކަން އެގައުމުގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނެސްފައިވީނަމަވެސް އަދި އެއްވެސް އަލިމަގެއް ފެނިފައިނުވާކަން އެ ދެމަފިރިން ފާހަގަކޮށްފައިވެއެވެ.

އެ ދެމަފިރިން ރާއްޖެއާއިމެދު ބުނެފައިވަނީ މިހާރު އޮޅުވެލީގައި އެ ދެމަފިރިން އެ ތިބެނީ ވަރަށް ބޮޑު ޑިސްކައުންޓް ރޭޓެއްގައި ކަމުން ދިވެހި ސަރުކާރަށް އެކަމަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ދިވެހިން ވަރަށް ރަނގަޅު ކަމަށެވެ.

މި ދެމަފިރިންގެ ވާހަކަ ނިންމާލާފައިވަނީ، ނިމުމެއް ނެތް މި ހަނީމޫން ނިމި އެނބުރި އާއިލާގެ ގާތަށް ދެވޭނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް