އޭޑީކޭ ހޮސްޕިޓަލުން ކޯވިޑަށް ޓެސްޓު ކުރެވެނީ ސަރުކާރުން އަގު ދޭގޮތަށް!

އޭޑީކޭ ހޮސްޕިޓަލްގައި ކޯވިޑް-19 އަށް ޓެސްޓު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އާސަންދައިގެ ދަށުން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމު...

22 May 2020 | 23:45

އޭޑީކޭ ހޮސްޕިޓަލްގައި ކޯވިޑް-19 އަށް ޓެސްޓު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އާސަންދައިގެ ދަށުން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދުވަސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން ރާއްޖެ ގެނައި ވައިރަހަށް ޓެސްޓު ކުރެވޭ ޕީސީއާރު މެޝިނުން ޓެސްޓު ހެދުމާއި ގުޅޭގޮތުން ސަރުކާރާއި ދެމެދު އެއްބަސްވުންތަކެއް އެކުލަވާލަމުން އަންނަ ކަމަށެވެ. އެ މަސައްކަތް ނިމުމަކާއި ގާތް ވެފައިވާއިރު މާދަމާއިން ފެށިގެން އެ ހޮސްޕިޓަލުން ވައިރަހަށް ޓެސްޓު ކުރަން ފަށާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެންއީއޯސީގެ ރެޕިޑް ރެސްޕޮންސް ޓީމުން ނަގާ ސާމްޕަލްތައްވެސް އެ ހޮސްޕިޓަލަށް ޓެސްޓު ކުރަން ފޮނުވާނެ ކަމަށެވެ. އަދި އެނޫން ގޮތްގޮތަށް އެ ހޮސްޕިޓަލުންވެސް ބަލި މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރާނެ ކަމަށެވެ.

މި ޓެސްޓު ތަކަށް ފައިސާ ދެއްކުމުގައި ދެ ފަރާތުން އެއްބަސްވެފައިވަނީ ސަރުކާރުން އަގު ދައްކާގޮތަށް އާސަންދައިގެ ދަށުން އެ ހިދުމަތް ދޭން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ލެބޯޓަރީ ޓެކްނީޝަނުން ވައިރަހަށް ޓެސްޓު ކުރުމަށް ތަމްރީން ހޯދާފައިވަނީ ސަރުކާރުން ހަމަޖައްސައިދިން އިންތިޒާމުގެ ތެރެއިން ފުލުހުންގެ ފޮރެންސިކް ލެބޯޓަރީގައި އެވެ. އެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އެ މެޝިނުން ދުވާލަކު 500 ސާމްޕަލް ޓެސްޓު ކުރެވޭނެ އެވެ.

އޭޑީކޭގެ ބައެއް ޑޮކްޓަރުންނާއި ނަރުހުން ގެންދަނީ އެންއީއޯސީގެ ދަށުން ހިންގާ ކަރަންޓީން ފެސިލިޓީތަކުގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންނެވެ. އެ ޑޮކްޓަރުންނާއި ނަރުހުންގެ މުސާރައިގެ ކަންކަން ހަމަޖައްސަނީ އޭޑީކޭއިންނެވެ.

އަމިއްލަ ހޮސްޕިޓަލް ޓްރީ ޓޮޕް ހޮސްޕިޓަލްއިން ވެސް ވަނީ ކޯވިޑާއި ގުޅިގެން ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޯވިޑަށް ފަރުވާ ދޭ މައި ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ބޭނުން ކުރުމަށް ތިން މަސްދުވަހަށް ދޫކޮށްފައި އެވެ. މި މުއްދަތުގައި އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ދޭނީ ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ.

މިހާތަނަށް ރާޢްޖެއިން1،271 މީހަކަށް ވައިރަސް ޖެހިފައިވާއިރު ފަރުވާ ދެމުން ދަނީ1،162 މީހުންނަށެވެ. މި ބަލިން109 މީހަކު ރަނގަޅުވެފައިވާއިރު ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް