އިންޑިއާއިން އަންނަ ޓޫރިސްޓުން ފިޔަވާ އެންމެން ކަރަންޓީން ވާން އަންގައިފި

ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ހަމަކޮށްފައި ވިޔަސް އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާ އޮންނަ މީހުން ކަރަންޓީން ވާން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. އިންޑިއާއިން އަންނަ ވަކި ބަޔަ...

23 Apr 2021 | 15:34

ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ހަމަކޮށްފައި ވިޔަސް އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާ އޮންނަ މީހުން ކަރަންޓީން ވާން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިންޑިއާއިން އަންނަ ވަކި ބަޔަކު ކަރަންޓީން ވާން ޖެހޭގޮތަށް ހަމަޖައްސާފައި މިވަނީ އިންޑިއާގެ ކޯވިޑް ހާލަތު ނުރައްކާތެރި ހާލަތަކަށް ގޮސްފައިވަނިކޮށެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ އިއްޔެ އިން ފެށިގެން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރާ މީހުންނަށް ކަރަންޓީން ވާން ނުޖެހުނު ކަމުގަ ވިޔަސް އިންޑިއާއިން ރާއްޖެ އަންނަ މީހުންނަށް ވަކި އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން އިންޑިއާއިން އަންނަ ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރަން ވޯކް ވިސާގައި އަންނަ އިންޑިއާ ރައްޔިތުން 10 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު ޓޫރިސްޓު ވިސާގައި އަންނަ މީހުން ކަރަންޓީން ވާކަށް ނުޖެހެ އެވެ.

އިންޑިއާގެ ކޯވިޑް ހާލަތަށް ބަލާއިރު އިއްޔެ އަކީ އިންޑިއާއިން ދުނިޔޭގެ ރެކޯޑު އަދަދަކަށް މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވި ދެ ވަނަ ދުވަހެވެ.

އިއްޔެ އެކަނި އިންޑިއާގެ އެކި ސްޓޭޓްތަކުން 332،730 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. މިއާއި އެކު އިންޑިއާއިން ކޯވިޑް ޖެހުނު ޖުމްލަ އަދަދު ވަނީ 16 މިލިއަނަށް އަރާފައި އެވެ.

ކޯވިޑް ޖެހިގެން މަރުވާ އަދަދުވެސް ރެކޯޑު މިންވަރަކަށް ދަނީ އިތުރުވަމުންނެވެ. އިއްޔެ އިންޑިއާއިން ކޯވިޑް ޖެހިގެން 2،263 މީހުން މަރުވެފައިވާއިރު ޖުމްލަ ކޯވިޑްގަ މަރުވި މީހުންގެ އަދަދު ވަނީ 186،920 އަށް އަރާފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާއިން ކޯވިޑްގައި މަރުވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައިވަނީ ހޮސްޕިޓަލްތައް ފުރި ބަލި ޖެހޭ މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތުމާއި ބައެއް ސިޓީތަކާއި ސްޓޭޓްތަކުން އޮކްސިޖަން ހުސްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް