މިދިޔަ އަހަރުގެ ފަހުކޮޅު މާލޭ މަގުމަތީގައި ހިނގާފައި ދިޔަ ދެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި ބިދޭސީ މީހާއަށް އެ މައްސަލާގައި ދައުވާ ކުރެވޭވަރަށް ހެކި ނެތްކަމަށް ބުނެ މައްސަލަ ނުބަލައި އަނބުރާ ފޮނުވާލައިފިއެވެ.
އެ މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރު ކުރީ 54 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.
ފުލުހުން ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ހެކިބަހަށް ފުރިހަމަ ބުރަދަނެއް ދެވެން ނެތުމާއި، ވީޑިއޯ ފުޓޭޖުން ފެންނަ މީހާގެ ސިފަތައް އަޅާ ކިޔޭވަރަށްވުރެ ނުސާފުކަމުން ދައުވާ ކުރެވެން ނެތް ކަމަށެވެ. އަދި މައްސަލާގައި އިތުރު ގަރީނާ ލިބިފައި ނުވާތީ، އެ މައްސަލާގައި ދައުވާކޮށް ކުށް ސާބިތުވާނެ ކަމަށް ނުފެންނާތީ ޕީޖީ އިން މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާފައިވާ ކަމަށް ފުލުހުންވަނީ ބުނެފަ އެވެ.
އޭގެ އިތުރުން އެ މައްސަލާގައި އިތުރު މައުލޫމާތު ލިބުމުން މައްސަލަ އަލުން ކުރިއަށް ގެންދާގޮތަށް ނިންމާ މައްސަލަ ފައިލުކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ހެކި ނެތް ކަމަށް ބުނެ މިފަދަ ގިނަ މައްސަލަތައް ނުބަލައި ދޫކޮށްލާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް