މިހާރު "ބްރޯ" އަކީ ރައީސް މުހައްމަދު ނަޝީދު ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ރޭ ގެނެސްްދިން ޓީވީ ޕްރޮގްރާމެއްގައެވެ. އެ ޕްރޮގްރާމްގައި ޝަރީފްގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ބައިވެރިވިއެވެ.
ޝަރަީފް އެހެން ވިދާޅުވީ، އޭނާއަށް އިޝާރާތްކޮށް އެއީ "ބްރޯ" ވަޒީރާއިއެކު އުޅޭ މެންބަރުން ކަމަށް ބޮންޑޭ ވިދާޅުވުމުންނެވެ. އަދި ޝަރީފް ވަނީ "ބްރޯ" އަކީ ކޮންބޭފުޅެއްކަން ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިހާރު "ބްރޯ" އަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ގައުމު ހިންގުން ބަދަލުކުރުމާއި މެދު ހިޔާލު ހޯއްދެވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ބޮންޑޭ ވަކާލާތު ކުރެއްވީ ބަރުލަމާނީ ނިޒާމު ގެންނަން ޖެހޭނެކަން ސާބިތު ކޮށްދެއްވާށެވެ. ޝަރީފް ވަކާލާތު ކުރެއްވީ ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް ކަމުދާ ނިޒާމެއް ނޫންކަން ސާބިތު ކޮށްދެއްވާށެވެ.
ބޮންޑޭ ވިދާޅުވީ ރިޔާސީ ނިޒާމުގައި އަބަދުވެސް "ބްރޯ" އެއް ހުންނަ ކަމަށާއި އެ ބްރޯގެ ކަމަކީ ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރުންކަމަށެވެ. ޝަރީފަކީ މިހާރު ހުރި ބްރޯ ކޮންޓްރޯލް ކޮށްފައި ތިއްބެވި ބޭފުޅުން ކަމަށް ބޮންޑޭ ވިދާޅުވި ނަމަވެސް އެ ބްރޯ އަކީ ކޮން ބޭފުޅެއް ކަމެއް ބޮންޑޭ ވިދާޅެއް ނުވެއެވެ.
ބޮންޑޭ ވިދާޅުވީ ރިޔާސީ ނިޒާމްގެ މައްސަލައަކީ "ބްރޯއެއް އުފަންވުން" ކަމަށެވެ. "ޔާމީނަށް ލިބުނީ އެލަނޑު، މައުމޫނަށް ލިބުނީ އެލަނޑު." ބޮންޑޭ ވިދާޅުވިއެވެ. ބޮންޑޭ ވިދާޅުވީ "ބްރޯއެއް" އުފެދިފައި ވުމުން ފިނޭންސް މިނިސްޓަރ އަމީރު މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
ޝަރީފަކީ "ބްރޯ" ކޮންޓްރޯލް ކުރާ މެންބަރެއް ކަމަށް ބޮންޑޭ ވިދާޅުވުމާއެކު ޝަރީފް ވަނީ ކޯފާ އިސްކުރައްވައި ބޮންޑޭ މެންފަދަ ބޭފުޅުން ކޮންޓްރޯލް ކުރައްވައިގެން އުޅުއްވަނީ ނަޝީދު ކަމަށާއި އެހެންކަމަށްވާނަމަ ބްރޯ އަކީ ނަޝީދު ނޫންތޯ ސުވާލުކުރައްވާފައެވެ. އަދި ބަރުލަމާނީ ނިޒާމަކީ ހަގީގަތުގައި ވެސް ބްރޯ ކޮންޓްރޯލް ކުރާ ނިޒާމެއް ކަމަށާއި އެ ނިޒާމުގައި 43 މެމްބަރުން އެއްކޮށް ގަނެލުމުން ސަރުކާރު އެއްކޮށް ގަނެވުނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ ބްރޯ ނިޒާމުގެ މީހުންނެއް ނޫން. އަޅުގަނޑުގެ ވެސް ބްރޯ އަކީ ރައީސް ނަޝީދު. ބްރޯ، ބްރޯއޭ ކިޔައިގެން އޮޅުވާލަން އުޅޭނެ ކަމެއް ނެތް" ޝަރީފް ވިދާޅުވިއެވެ.
ނަޝީދު ވެރިކަން ބޭނުންފުޅުވުމުން ނިޒާމު ފުރޮޅާލައި، މުޅި ގައުމު ސުންނާފަތި ކުރަން ނުޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ބްރޯއެއް އޭނާ ކޮންޓްރޯލް ކުރާނަމަ އެކަން ކުރައްވަނީ "ރައީސް ނަޝީދު ބްރޯ" ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ބްރޯ އަކީ ރައީސް ނަޝީދޭ އަޅުގަނޑު މި ދަންނަވަނީ ކެރި ހުރެގެން" ޝަރީފް ވިދާޅުވިއެވެ.
އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް "ބްރޯ" ވެގެން އުޅުއްވާކަމަށް ތުހުމަތުކޮށް އޭނާ މަގާމުން ދުރުކުރަން ރައީސް ނަޝީދު މީގެ ކުރިން ވަނީ މަސައްކަތް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް