އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިއުމަށް އޭނާގެ ކުރީގެ ކުލަބު އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
އިޓަލީގެ މަޝްޙޫރު ކުޅިވަރު ނޫހެއް ކަމުގައިވާ "ގަޒެއްޓާ ޑެއްލޯ ސްޕޯޓްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެގޮތުން މިފަހަރުގެ ސީޒަން ނިމުމުން އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ރޮނާލްޑޯ ގެންދިއުމުގެ މަސައްކަތް ރަސްމީކޮށް ޔުނައިޓެޑުން ފަށަން ތައްޔާރުވެފައި އޮތް ކަމަށެވެ.
އެގޮތުން މިހާރު ޔުނައިޓެޑުން ތައްޔާރުވަމުން ގެންދަނީ ރޮނާލްޑޯގެ ޓްރާންސްފާގެ ވާހަކަތަކާއި ގުޅޭ ގޮތުން އޭނާގެ އޭޖެންޓް ޖޯޖް މެންޑޭސްއާއި މަޝްވަރާކުރުމަށް ކަމަށްވެސް މި ނޫހުގައި އާންމުކުރި ރިޕޯޓުގައި ބުނެފައިވެއެވެ.
މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯ ގެންދިމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތަށް ބުނާއިރު، މީގެ ކުރިން ރޮނާލްޑޯ އެނބުރި އޭނާގެ ކުރީގެ ކުލަބު ސްޕެއިންގެ ރެއާލް މެޑްރިޑަށް ދާން އުޅޭ ވާހަކަތަކެއްވެސް ވަނީ މީޑިއާގައި ފެންމަތިވެފައެވެ. ނަމަވެސް ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނީ މިވަގުތު ރޮނާލްޑޯ އަނބުރާ ކުލަބަށް ގެނައުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނަމުން ގެންދާއިރު، ޔުނައިޓެޑުން ރޮނާލްޑޯ ގެންދާނަމަ ރީލީޒް ފީއެއްގެ ގޮތުގައި 25 މިލިއަން ޕައުންޑު ދައްކަން ޖޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.
2018 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ އެ ކުލަބާއި އެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ. އެގޮތުން ޔުވެންޓަސްއާއި އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ރޮނާލްޑޯ ވަނީ ޔނައިޓެޑަށް 2003 އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމައަށް ކުޅެދީފައެވެ. މި މުއްދަތުގެ ތެރޭގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބޮޑެތި ކާމިޔާބީތަކެއްވެސް ހޯދައިދީފައެވެ. އެގޮތުން އެ ކަލަބާއި އެކު ޕްރިމިއާ ލީގު ތިންފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ޗެމްޕިއަންސް ލީގަކާއި ފީފާ ކުލަބް ވޯލްޑްކަޕެއްގެ އިތުރުން އެފްއޭކަޕް، ކޮމިޔުނިޓީ ޝީލްޑް އަދި ފުޓްބޯޅަ ލީގުކަޕް ދެފަހަރެއްގެ މަތިން ހޯދާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް