އެދެވޭގޮތުގައި ރަމަޟާން މަހުގެ ދުވަސްތައް ހޭދަ ނުކުރެވުނު މީހުންނަށްވެސް، ފަހުދިހައަކީ ރަނުގެ ފުރުޞަތެކެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދިހަދުވަސް ވެސް ނިމި ދެވަނަ ދިހަވެސް މިވަނީ ފެށިފައެވެ. ހަމަބަލަ ހުއްޓާ މި ދިހަދުވަސްވެސް ނިމި ރަމަޟާން މަހުގެ އެންމެ ހަދު ދިހަވެސް ފެށިދާނެއެވެ. އެހެން ކަމުން މި...

23 Apr 2021 | 07:34

ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދިހަދުވަސް ވެސް ނިމި ދެވަނަ ދިހަވެސް މިވަނީ ފެށިފައެވެ. ހަމަބަލަ ހުއްޓާ މި ދިހަދުވަސްވެސް ނިމި ރަމަޟާން މަހުގެ އެންމެ ހަދު ދިހަވެސް ފެށިދާނެއެވެ. އެހެން ކަމުން މި ލިޔުމުގައި އަޅުގަނޑު މި އަލި އަޅުވާލާފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްކަމުގެ މައްޗަށެވެ.

އެގޮތުން ރަހްމާނުވަންތަ ﷲގެ އޯގާވަންތަކަމުން އަޅުގަނޑުމެންނަށްޓަކައި ފަހުދިހައިގެ ތެރޭގައި ބަރަކާތުން ފުރިގެންވާ ރެއެއް ލައްވާފައިވާކަމާއި އެއީ ލައިލަތުލް ޤަދްރިވިލޭރޭކަމާއި ﷲ ތައާލާ އެރޭގެ އަޅުކަން އެއްހާސް މައްސަރަށްވުރެ މާތްކުރެއްވިގެންވެއެވެ.

“އެއްހާސް މައްސަރަކީ ގާތްގަނޑަކަށް 83 އަހަރެވެ. އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް 83 އަހަރު، ކޮންމެ ދުވަހަކު ހުރިހައި ވަގުތެއް އަޅުކަމުގައި ހޭދަކުރެވޭނެތޯއެވެ؟ އަޅުގަނޑުމެން 83 އަހަރު ދުނިޔޭގައި ދިރިއުޅުނު ކަމުގައިވިޔަސް އެމުއްދަތުގެ މަދު އިންސައްތައެއް މެނުވީ އަޅުގަނޑުމެންނަށް އަޅުކަމުގައި ހޭދައެއް ނުކުރެވޭނެއެވެ. އެހެންކަމުން ލައިލަތުލް ޤަދްރުވިލޭރެއަކީ ރަޙްމާންވަންތަ ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން އަޅުގަނޑުމެން ހިތަށް ނުގެނެވޭނެފަދަ ދީލަތިވަންތަ ބަރަކާތްތެރި ދެއްވުމެކެވެ”

ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވާގޮތުގައި ކުރިއަށް އޮތް އަހަރަށް އަޅުގަނޑުމެން ފޮނި އުއްމީދުތަކެއް ކުރަމުންދާއިރު، އެ އަހަރު ދުނިޔެ ދޫކުރަން ޖެހުމަކީވެސް އެކަށީގެންވާކަމެކެވެ.

“އެހެންކަމުން މި ފަނާވަނިވި ދުނިޔޭގެ އަރާމާއި ލައްޛަތަށްވުރެ އާޚިރަތް އިސްކުރަމާތޯއެވެ! އަދި ލައިލަތުލް ޤަދްރިވިލޭރޭ، ﷲ ތައާލާ ހުރިހާ ނިޔާއެއް އިޢުލާން ކުރައްވާ ހިނދު، އެ އިލާހު ރުއްސަވާ ހެޔޮ ޢަމަލެއްގައި ވުމަށް މަސައްކަތް ކުރަމާތޯއެވެ! އެރޭ ﷲ އަށް މުނާޖާ ދަންނަވައި ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި ދުޢާ ކުރުމުގައި ތިބޭ މީހުންގެ ތެރެއިން ވަމާތޯއެވެ! އެރޭގެ ދުޢާގެ ސަބަބުން ޢުމުރު ދިގުވެ، ރޯދި ބަރަކާތުގެ ދޮރުތައް އެބަޔަކަށް ހުޅުވޭ މީހުންގެ ތެރެއިން ވުމަށް ގަދައަޅައި މަސައްކަތް ކުރަމާތޯއެވެ!”

އެންމެ އެދެވޭގޮތުގައި ރަމަޟާން މަހުގެ ދުވަސްތައް ހޭދަ ނުކުރެވުނު މީހުންނަށްވެސް، ފަހުދިހައަކީ ރަނުގެ ފުރުޞަތެއްކަން ފާހަގަކޮށް ފަހު ދިހައިގައި ހެޔޮ ޢަމަލު ގިނަކޮށްގެން ލައިލަތުލް ޤަގްރިވިލޭރޭގެ ސަވާބު ލިބިގެންފިމީހަކަށް އެލިބުނީ އެމީހެއްގެ ޙަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮކަމާއި ނަސީބެވެ. އަދި  އެރޭ ﷲ ތައާލާ އެއްކައުވަންތަކުރާ ޙާލު އެ އިލާހުގެ ހަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެން އަޅުކަން ކޮށްފިމީހާއަށް އޭނާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭނެ ކަމުގެ އުފާވެރި ޚަބަރު ނަބިއްޔާ محمد صلى اللّه عليه وسلم ވަނީ ދެއްވާފައެވެ.

“ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މިރެއަކީ އެއްއަހަރުން އަނެއް އަހަރަށް ބަދަލު އަންނަ ރެއެކެވެ. އަބަދު އެއްރެއެއްގެ ގޮތުގައި ޘާބިތުވެ އޮންނަ ރެއެއް ނޫނެވެ. އެހެންކަމުން، ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ލައިލަތުލް ޤަދްރިވިލޭރެ ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ!، ފަހު ދިހައިގައި ހެޔޮ އަމަލުތައް ގިނަކުރާށެވެ! ފަރުޟު ފަސްނަމާދު ފުރިހަމައަށް އަދާކުރުމަށްފަހު، ރަވާތިބު ސުންނަތްތައް ވެސް އަދާކުރެވޭތޯ ބަލާށެވެ! ޟުޙާ ނަމާދާއި ތަރާވީޙު ނަމާދުގެ އިތުރުން ދަމުނަމާދާއި ރޭ އަޅުކަންވެސް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ! އަދި ޤުރުއާން ކިޔެވުން ގިނަ ކުރުމާއި ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނައި އޭގެ މާނައާމެދު ފިކުރު ހިންގޭތޯ ބަލާށެވެ! ހުރިހާ ވަގުތެއްގައި ޛިކުރު ކުރުމާއި ފަޤީރުންނާއި މިސްކީނުންނަށް ޞަދަޤާތް ކުރުމަށް ސަމާލުވާށެވެ! ފަހު ދިހައިގައި އިޢުތިޚާފަށް އިނުމާއި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތައި އިޙްސާންތެރި ވާށެވެ!”

ނޯޓް:މިލިޔުމަށް މައުލޫމާތު ނަގާފައި މިވަނީ ރަމަޟާން މަހާއި ގުޅޭގޮތުން ދީފައިވާ ހުކުރު ހުތުބާއަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް