ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދިހަނިމި ދެވަނަ ދެވަހަ ދިހައެއް މިވަނީ ފެށިފައެވެ. ދާދި އިހަކަށް ދުވަހު އެންމެން ހެއްވަމުން އުފަލުން ފޮޅުވަމުން އައި ބަރަކާތްތެރި ރަމަޟާންމަސް ބާރު ސްޕީޑުގައި ނިމިދަނީއެވެ. ދެވަނަ ދިހައަކަށް ފަހު ދެން އޮތީ މި މައްސަރުގެ އެންމެ ބޭނުންތެރި މާތް ދިހަ ދުވަހެވެ. އެ ދިހަ ދުވަހަކީ ލައިލަތުލް ޤަދުރި ވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރަންވި ދުވަސްތެކެވެ.
އެހެން ކަމުން ފިސާރި ހީވާގި ކަމާއި އެކު ކެރިންގެން މި ދުވަސްތަކާއި ކުރިމަތިލާ ލައިލަތުލް ޤަދުރި ހާސިލް ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރާށެވެ. ފަރުވާ ކުޑަކޮށްފި ނަމަ މިކަން ތިބާއަށް ހާސިލް ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ރަމަޟާން މަހެއް ލިބި މި މާތް ރޭ ހާސިލް ނުކުރެވިއްޖެ މީހަކީ ނަސީބު ދެރަ މީހެކެވެ. އެކަން އަޅުގަނޑު މެންނަށް ޢިލްމުވެރިންގެ ބަސްތަކުން ވަރަށް ރަނގަޅަށް ދޭހަވެއެވެ.
ރަމަޟާން މަސް ފެށީ ބާރުމިނުގައި ނިމިދާއިރު، މި މަހާއި މެދު އަމިއްލަ ސިނކުޑިން ވިސްނާލުން މުހިންމެެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. ހަދާނުގައި ބައްޓާށެވެ. މި ދިހަ ވެސް އިސާހިތަކު ނިމިގެން ހިނގައިދާނެތެވެ. މި ދިހައަށް ފަހު ދެން އޮތީ އެންމެ މާތް ފަހު ދިހައިގެ ދުވަސްތަކެވެ. ހަނދާނުގައި ބަހައްޓާށެވެ. މި ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮ އަދި ފުރިހަމަ ގޮތުގައި ހިފާ މި މަހުގެ ދަރުމަޔާއި ސަވާބު އެންމެ ފުރިހަމަޔަށް ހޯދަން މަސައްކަތް ކުރަމުން ގެންދަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ.؟ ހަމަ ޔަގީނުންވެސް މި ރަމަޟާން މަހުގެ ފުރިހަމަ ދަރުމަޔާއި ސަވާބު ހޯދަން މަސައްކަތް ކުރި މީހުން އަޅުގަނޑުމެންގެ ތެރެއިން މަދެއް ނުވާނެއެވެ. ކޮންމެ މީހަކުވެސް މިކަން ހާސިލް ކުރުމަށް އެމީހަކަށް ކުރެވުނު މިންވަރަކުން މަސައްކަތް ކުރާނެ ކަމީ އެއްވެސް ޝައްކެއް ނެތްކަމެކެވެ.
ވިސްނާލަމާ ހިނގާށެވެ. އިބުރަތެއް ހާސިލް ކުރެވޭނީ ވިސްނާ ފިކުރުކުރާ ބަޔަކަށެވެ. މި ރަމަޟާން މަސް އައުމުގެ 2 ދުވަސް ނޫނީ އެއް ދުވަސް ކުރިން މި ރަމަޟާން މަހުގެ ދަރުމައާއި ސަވާބުން މަޙުރޫމްވެ މި ދުނިޔެ ދޫކޮށް ގޮސްފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް އަޚުންނާއި އުޚުތުންތޯއެވެ. އުމުރުން ދުވަސްވީ ކިތަށް އަޙުންނާއި އުޚުތުން ތޯއެވެ. ދެބައި އުމުރުގެ ކިތަށް އަޙުންނާއި އުޚުތުންތޯއެވެ. ކިތަށް ޒުވާނުން ތޯއެވެ. ކިތަށް ކުޑަ ކުދިން ތޯއެވެ. ވިސްނާލަ ބަލާށެވެ.
ނަމަވެސް ތިބާ އެ މީހުންގެ ތެރޭގައި ނުހިމެނުނެވެ. ފުންކޮށް ވިސްނާލަ ބަލާށެވެ. މި ރަމަޟާން މަހުގެ މިންވަރެއް ތިބާއަށް ލިބިއްޖެ ނޫން ތޯއެވެ. އިންޝާ ﷲ ފަހު ދިހަވެސް ލިބޭނެ ކަމަށް އުންމީދު ކުރަމާތޯއެވެ. ތިބާ އަކީ ކިހާ ނަސީބު ރަނގަޅު މީހެއް ތޯއެވެ. ރަމަޟާން މަހަށް މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ އަޚުންނާއި އުޚުތުން ތެރޭގައި ތިބާ ނުވީތީއެވެ. އެކަމަށް ތިބާ ދުނިޔެއަށް ފޮނުއްވި އެއްކައުވަންތަ މާތް ﷲ އަށް ހަމްދުކޮށް ޝުކުރު ކުރާށެވެ. އަދި މި ބަރަކާތް ތެރި ރަމަޟާން މަހުގެ ފަހު ދިހަ ފުރިހަމަ ގޮތުގައި ހާސިލް ކުރެވޭތޯ މަސައްކަތް ކުރާށެވެ. ކުރިން ތިބާ އުޅުނު ގޯސް މަގު ޚިޔާރުކޮށް އެމަގުން ނުދާށެވެ. އިސްލާޙް ވާށެވެ.
ދެންވެސް ވިސްނާލަން ވީ މުހިންމު ކަމަކީ ތިބާއަށް މި ރަމަޟާން މަސް ރުރިހަމަ އަށް ލިބުނު ނަމަވެސް ދެން އަންނަ ރަމަޟާން މަސް ތިބާއަށް ނުލިބުމަކީވެސް ހަމަ ވެދާނެ ކަމެކެވެ. މިއީ ފަހަރުގައި ތިބާގެ ހަޔާތުގައި ލިބޭ އެންމެ ފަހު ފުރުސަތަށް ވުން ވެސް އެކަށީގެންވެއެވެ.
އެހެން ކަމުން ވިސްނާށެވެ. މި ދިހަދުވަހަށްފަހު ދެން އޮތީ ފަހު ދިހައިގެ އެންމެ މާތް ދުވަސްތަކެވެ. ކީރިތި ޤުރުއާން ބާވައިލެއްވިގެން ވާ ލައިލަތުލް ޤަދުރިވިލޭރޭ ހިމެނިގެންވާ ފަހުދިހައިގެ ދުވަސްތެކެވެ. 1000 މައްސަރައްވުރެ މާތް ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. އޭ އަޚުންނާއި އުޚުތުންނޭވެ. އެރޭ ތިބާއަށް ލިބޭތޯ ގަދަ އަޅާ މަސައްކަތް ކޮށް ގިނަގިނައިން ދުޢާ ކުރާށެވެ. އެރޭ ލިބިއްޖެނަމަ ނަސީބުގެ ކޮޅެއްވެސް ނެތެވެ. ނަމަވެސް އެރޭ ނުލިބިއްޖެ ނަމަ ހިތާމައިގެ ކޮޅެއްވެސް ނެތެވެ.
އެހެން ކަމުން ތިބާ ހިތްވަރާއެކު އަޅުކަމުގައި ވަރުބަލިކަމެއް ނެތި ދެމިހުންނާށެވެ. އެއްގޮތަކައްވެސް ތިމާ ހިތައް އެރީމަ ކޮށް ހިތައް އެރީމަ ނުކޮށް ދޫކޮށްލާ ގޮތަށް ކުރާ ކަމެއް ކަމުގައި ނުހަދާށެވެ. މާތް ﷲ ގެ ރަޙުމަތް ވަނީ ތަނަވަސްވެގެންނެވެ. ތަވުބާވާން އެދޭ އަޅަކަށް މިއޮތީ ރަނުގެ ފުރުޞަތެކެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް