މާލޭގެ ދެ ސަރަހައްދެއްގައި ފްލެޓޫ އަޅައިދޭނެ ބަޔަކު ހޯދަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިއުލާނުކޮށްފި އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް އެއްފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފްލެޓު އަޅަނީ ޑިވެލޮޕްމެންޓް އެންޑް ސޭލް މޮޑެލަށް މިކްސްޑް ރެޒިޑެންޝަލް އިމާރާތަކެއްގަ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ14 ބުރީގެ ދެ އިމާރާތެވެ.
އެ ކޯޕަރޭޝަނުން ބުނީ ފްލެޓު އެޅުމަށް ހަމަޖެހިފައިވަނީ މާލޭގެ ބްލޮކް ނަމްބަރު 307 ޕްރޮޖެކްޓު އޭ އާއި ބްލޮކް ނަމްބަރު 319 ގައި ޕްރޮޖެކްޓު ބީ ކަމަށެވެ. މީގެ ތެރެއިން ޕްރޮޖެކއްޓު އޭގެ ބިމުގެ ބޮޑުމިނަކީ 231،073.78 އަކަފޫޓެވެ. ޕްރޮޖެކްޓް ބީގެ ބިމުގެ ބޮޑުމިނަކީ 173،229.56 އަކަފޫޓެވެ.
މި ދެ ބިމުގައި ފްލެޓް އެޅުމަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި އެވެ. ޝައުގުވެރިވާ ފަރާތަކަށް ދެ މަޝްރޫޢުއަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އޮތްނަމަވެސް ކޮންމެ މަޝްރޫއުއަށް ހުށަހަޅަންވާނީ ވަކި ޕްރޮޕޯސަލެއް ކަމަށް ފަހު ދިރިއުޅުމުން ބުނެ އެވެ.
މި ދެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 500،000 ރުފިޔާ އަދި ބޭރުގެ ކުންފުނިތަކުން 100،000 ޑޮލަރު ދައްކަން ޖެހެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް