މިމަހު އެކެއްގެ ފަހުން އޭދަފުއްޓަށް ދިޔަ މީހުން ކަރަންޓީންވާން އަންގައިފި

ބ. އޭދަފުއްޓަށް ދަތުރުކޮށްފައިވާ މީހުން ކަރަންޓީން ވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ. އެޗްޕީއޭއިން މިއަދު ބުނީ އޭދަފުށިން ކޯވިޑް-19ގެ ކޭސްތަކެއް ފެނިފައިވާތީ މިމަހުގެ އ...

23 Apr 2021 | 05:51

ބ. އޭދަފުއްޓަށް ދަތުރުކޮށްފައިވާ މީހުން ކަރަންޓީން ވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ އޭދަފުށިން ކޯވިޑް-19ގެ ކޭސްތަކެއް ފެނިފައިވާތީ މިމަހުގެ އެއް ވަނަ ދުވަހުގެ ފަހުން އެ ރަށަށުން އެހެން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން އެ ރަށަކަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން އަންގާ ކަމަށެވެ. އަދި އެ ރަށަށް ދަތުރު ކޮށްފައިވާނަމަ އެކަން އެމީހަކު ހުރި ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް އަންގަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

ކަރަންޓީންވާ ފަރާތްތަކުން އާންމު ތަންތަނަށް ނުކުންނަން ވާނީ 10 ދުވަސް ހަމަވުމުން ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްކަން ޔަގީންވުމުން ކަމަށްވެސް ބުންޏެވެ. އެ ފަރާތްތައް ކޯވިޑަށް ޓެސްޓު ކުރުމުގެ އިންތިޒާމް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން ހަމަޖައްސާނެ އެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އިއްޔެ މެންދުރުގެ ނިޔަލަށް މިހާރު އެ ރަށުގައި އުފެދިފައިވާ ކްލަސްޓާއިން 37 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. ނެގި ސާމްޕަލްތަކުގެ ތެރެއިން 392 ސާމްޕަލް ނެގެޓިވްވެފައިވެ އެވެ.

މިހާތަނަށް އެ ރަށުން ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 452 ސާމްޕަލެވެ.

ކޯވިޑް-19ގެ ކޮމިއުނިޓީ ޕްރެޑު މިވަގުތު އޮތް ރަށްރަށުގެ ތެރޭގައި އޭދަފުށި، ޅ. ނައިފަރު، އދ، މާމިގިލި، ކ. ހުރާ، ދިއްފުށި، އއ. މަތިވެރި އަދި ތ. ވޭމަންޑޫ ހިމެނެ އެވެ. އަދި ކޯވިޑް ކޭސްތަކާއި ގުޅިގެން 20 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް