އެމްޑަބްލިޔުއެސްސީން، ތެރަޕިއުޓިކް ދާއިރާގެ ހަތަރު ދަރިވަރަކަަށް ސްޕޮންސާ ދީފި

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން، އެމް.ޑަބްލިޔު.އެސް.ސީ ގެ ފަރާތުން ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން، މި ދާއިރާއިން ބ...

23 Apr 2021 | 05:10

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން، އެމް.ޑަބްލިޔު.އެސް.ސީ ގެ ފަރާތުން ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން، މި ދާއިރާއިން ބެޗްލާސް ޑިގްރީ ލެވެލްގެ ކޯސް ފުރިހަމަކުރުމަށް ހަތަރު ދަރިވަރެއް ސްޕޮންސާ ކޮށްދީފިއެވެ.

މިސްޕޮންސަރޝިޕްއާ ގުޅިގެން، ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާޙް ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ވަނީ ޚާއްސަ ވާރޗުއަލް ހަފްލާއެއް ބާއްވާފައެވެ. މިޙަފްލާގައި، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގައި ތެރަޕީ ޚިދުމަތްތަކަކީ އާންމު ރައްޔިތުން ހޯދުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ޚިދުމަތްތަކެކެވެ. ނަމަވެސް، މިދާއިރާއިން ޚާއްސަވެގެން ތަމްރީން ލިބިފައިވާ މީހުން މަދުކާމައި އެކު މިޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަނީ ދަތިތަކެއް ދިމާވެފައވެެ.

ވުމާއެކު، ތެރަޕީގެ އެކި އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އިން ވަނީ ފާހަގަކުރައްވާފައެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ ފަރާތުން ސްޕޮންސަރކުރާ 4 ދަރިވަރުން ތަމްރީން ކުރެވޭނީ، އޯޑިއޮލޮޖީ، އޯޑިއޮލޮޖީ އެންޑް ސްޕީޗް ލެންގުއެޖް ޕެތަލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަރަލް ތެރަޕީ، މިދާއިރާތަކުންނެވެ. 4 އަހަރު ދުވަހުގެ މިކޯސްތައް ފުރިހަމަކުރުމަށް، 2.3 މިލިއަން ދިވެހި ރުފިޔާ ޚަރަދުކުރުމަށްވަނީ ކަނޑައެޅިފައެވެ.

މުޖުތަމަޢަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމަށް މިފަދަ ފުރުސަތެއް، އެމް.ޑަބްލިޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ އެކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި މިއީ މުޖްތަމަޢަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއްކަމުގައި ދެކޭ ކަމަށް ވެސް އެ ކުންފުނިން ފާހަގަ ކުރެއެވެ.

އެމް.ޑަބްލިއު.އެސް.ސީ ގެ އަމާޒަކީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، މުޖުތަމަޢަށް ފައިދާކުރަނިވި ކަންތައްތަކެއް ކޮށް، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް