ބޭރުން އައިސް ކަރަންޓީން ފުރިހަމަކޮށް ދޫކޮށްލި ފަހުން މާލެއިން ކޯވިޑް-19 އަށް މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ އެމީހާ ކޯވިޑް-19 އަށް ޓެސްޓު ކުރީ މާލެއިން ޕޮސިޓިވްވި މީހަކާއި ގުޅުން ހުރެގެން އައިސޮލޭޓްކޮށްފައި ހުއްޓަ އަލާމާތްތައް ފެންނަން ފެށުމުން ކަމަށެވެ. އެމީހާ އަކީ މާލެއިން ޕޮސިޓިވްވި މީހާ އާއި ސީދާ ގުޅުން ހުރި މީހެއް ކަމަށާއި އޭނާ ބައްޔަށް ޕޮސިޓިވްވީ އައިސޮލޭޝަން ފެސިލިޓީގައި ހުއްޓައެވެ.
އެމީހާ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ23 ވަނަ ދުވަހު އިނގިރޭސިވިލާތުންނެވެ.
އޭގެ ފަހުން ކަރަންޓީންގައި ހުއްޓަ މާޗް މަހުގެ28 ވަނަ ދުވަހު އޭނާގެ ފުރަތަމަ ޓެސްޓު ހެދި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެ ދުވަހު ކޯވިޑަށް ނެގެޓިވްވި ކަމަށާއި ފަހުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން މިމަހުގެ ހަ ވަނަ ދުވަހު ޓެސްޓު ކުރުމުން ކޯވިޑަށް ނެގެޓިވް ވުމުން ހަތް ވަނަ ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ.
ކަރަބްޓީނުން ދޫކޮށްލި ފަހުން މާލޭން ޕޮސިޓިވްވި ކޭސް އަކާއި ގުޅިގެން އޭނާއަށް ކޯވިޑް ޖެހުމުން އެކަމާ ގުޅޭގޮތުން ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) އިން މަޝްވަރާ ކުރި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެކަމަކު އެމީީހާ ކަރަންޓީނުން ދޫކޮށްލީ ވައިރަސް ނެތްކަން ޔަގީން ކުރަން ދެ ފަހަރު ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުން ކަމަށްވާތީ އޭނާއަށް ރާއްޖެއިން ބޭރުން އައި އިރު ބަލި ޖެހިފަ ނެތް ކަަމަށް ޓެގް ޓީމުން ނިންމާފައިވާ ކަމަށެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިމީހާއަށް ބަލި ޖެހެން ދިމާވި މާލެއިން ޕޮސިޓިވްވި މީހާ އާއި ގުޅުން ހުރި އެހެން އެއްވެސް މީހަކަށް މިހާތަނަށް ބަލި ޖެހިފައެއް ނުވެ އެވެ. ރާއްޖެއިން ބޭރުން އައިސް ކަރަންޓީންގައި ތިއްބަ ޕޮސިޓިވްވި ފަސް ދިވެހިންނަކީ އިނގިރޭސިވިލާތުން އައިސް ތިބި މީހުންނެވެ.
އެޗްޕީއޭއިން ކުރިން ބުނީ މިހާތަނަށް މާލެއިން ޕޮސިޓީވްވި މީހުންގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހަކު ނުހިމެނޭ ކަމަށެވެ. ރާއްޖެއިން މިހާތަނަށް108 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވާއިރު87 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް