މާލޭގައި ތޮއްޖެހިގެން ދިރިއުޅެމުންދިޔަ 14 ބިދޭސީއަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ14 މީހުންނަކީ ތޮއްޖެހިގެން ދިރިއުޅޭ ތަންތަން ބަލާ މޮނިޓާ ކުރުމުގެ ތެރެއިން އަލާމަތްތައް ފެންނާތީ ޓެސްޓު ކުރި ބައެއް ކަމަށެވެ. މި މީހުންނަކީ ފުލުހުން މޮނިޓާ ކުރަމުންދާ ބިދޭސީން ދިރިއުޅޭ ތަންތަނުގެ ތެރެއިން ތަނެއްގައި ދިރިއުޅޭ ބައެއް ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ފުލުހުން ދަނީ ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ހަތް ތަނެއް މޮނިޓާ ކުރަމުންނެވެ. އެ ތަންތަނަށް މީހުން ވަދެ ނުކުމެވުން ކޮންޓްރޯލް ކޮށްފައިވާއިރު ޒަރޫރީ ބޭނުމެއްގައި ނޫނީ އެތަންތަނުން ބިދޭސީން ނުކުތުން ވަނީ މަނާކޮށްފައި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އޭގެ ތެރެއިން ތިން ތަނަކަށް އެޗްޕީއޭގެ ޓީމުތަކުން ގޮސް އެތަންތަނުގައި ދިރިއުޅޭ ބިދޭސީންގެ ހެލްތް ސްކްރީންކޮށް ކޯވިޑް-19 އަލާމާތްތައް ހުރޭތޯ ބަލަމުންދާ ކަމަށެވެ. އެގޮތުން މިއަދު ޕޮސިޓިވްވީ އެ ތިން ތަނުގެ ތެރެއިން އެއް ތަނެއްގައި ދިރިއުޅޭ މީހުން ކަމަށެވެ.
މި14 މީހުންނާއި އެކު ޖުމްލަ23 މީހަކު މިއަދު ވަނީ ކޯވިޑަށް ޕޮސިޓިވް ވެފައި އެވެ.
މިހާތަނަށް މާލެއިން87 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު އޭގެ ތެރޭގައި ވަރަށް ގިނަ ބިދޭސީން ހިމެނެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް