ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރާކަމީ ކޯވިޑް-19އިން އަރައިގަތުމަށް، މެދުވެރިކޮށްދެއްވި މަތިވެރި ނަސީބެއް ކަމުގައި ދެކެން: ރައީސް ސޯލިހް

މި ހިތާމައިގެ ދަނޑިވަޅުގައި، ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރި ކަމީ، މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މެދުވެރިކޮށްދެއް...

23 Apr 2020 | 14:36

މި ހިތާމައިގެ ދަނޑިވަޅުގައި، ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރި ކަމީ، މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މެދުވެރިކޮށްދެއްވި ވަރަށް މަތިވެރި ނަސީބެއް ކަމުގައި ދެކިލައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ1441 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ޚިޠާބުގައެވެ.

" މިއަހަރުގެ ރޯދަމަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ، މިއިން ޒަމާނެއްގައިވެސް އިންސާނުން ތަޖުރިބާކޮށްފައި ނުވާފަދަ ވަރުގަދަ އިމްތިޙާނަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހިފައިވާ ދުވަސްވަރެއްގައި."ކޯވިޑް19"ގެ ބަލިމަޑުކަން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޢާންމު ޙަރަކާތްތައް ހުއްޓުމަކަށް ގެނެސްފި. އިޖުތިމާޢީ ގައިދުރުކުރުމަށް އިސްކަން ދޭންޖެހުމުގެ ސަބަބުން، އަޅުގަނޑުމެން ޖަމާޢަތުގައި އަދާކުރާ އަޅުކަންތައްވެސް މިވަނީ މެދުކަނޑައިލަން ޖެހިފައި." ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރޯދަ މަހަކީ އަޅުކަމުގެ މޫސުން ކަމަށާއި ޤުރްއާން ކިޔެވުމާއި ދުޢާ ކުރުން ގިނަކޮށް، އަނެކުންނަށް ދީލަތިވުމާއި އެހީ ފޯރުވުމުގެ މައްސަރު ކަމަށެވެ. އެހެންކަމުން، މި މުހިންމު ދުވަސްތައް އަޅުގަނޑުމެން ހޭދަކުރަންވީ، "ކޯވިޑް19" ގެ ނުރައްކާތެރިކަން އަޅުގަނޑުމެންގެ ތެރެއިން ފިއްލަވައި، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ ޙާލަތަށް އެނބުރި ދިޔުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުގައި ކަމުގައި ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ހިތާބުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲއަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާ އެކު ހުޅުވިފައި ކަމަށާއި ގޭގައި ތިބެގެންވެސް ފަރުޟު ނަމާދުތައް ބަރާބަރަށް ކުރެއްވުމަށް ހުރިހާ ބޭފުޅުންވެސް އިސްކަން ދެއްވުން ވަރަށް މުހިންމު ކަމަށެވެ. އަދި ކީރިތި ޤުރްއާން ކިޔެވުން އިތުރުކޮށް، ތަރާވީޙް ނަމާދުކުރުމަށާއި ދަމު ނަމާދުކުރުމަށް ސަމާލުކަން ދެއްވައި، މި ބަލީގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ ހުރިހާ ބޭފުޅުންވެސް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަންވީ ކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް