ހާލުގައި ޖެހިފައިވާ 500 މީހުންނަށް ތިން ކުންފުންޏަކުން އެހީވަނީ

ކޯވިޑް-19 އާއި ގުޅިގެން ހާލުގައި ޖެހިފައިވާ ދިވެހިންނާއި ބިދޭސީންނަށް ރޯދަ މަހު އެހީވާން ތިން ކުންފުންޏަކުން ނިންމައިފި އެވެ. މި މަސައްކަތް ސަރުކާރާއި ގުޅިގެން ކުރުމަށް ނިންމާފައިވަނީ ކޮކާކޯލާ ކޮމްޕެނ...

23 Apr 2020 | 11:59

ކޯވިޑް-19 އާއި ގުޅިގެން ހާލުގައި ޖެހިފައިވާ ދިވެހިންނާއި ބިދޭސީންނަށް ރޯދަ މަހު އެހީވާން ތިން ކުންފުންޏަކުން ނިންމައިފި އެވެ.

މި މަސައްކަތް ސަރުކާރާއި ގުޅިގެން ކުރުމަށް ނިންމާފައިވަނީ ކޮކާކޯލާ ކޮމްޕެނީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިންނެވެ.

މަޓާޓޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ތިން ކުންފުނިން ގުޅިގެންކުރިޔަށް އޮތް ރޯދަ މަހު އެއްކޮށް ދައުލަތުން ބަލަހައްޓާ ހާލުގައި ޖެހިފައިވާ މީހުންނަށް ކެއިން ބުއިމުގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް500 މީހަކަށް އެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށެވެ.

ރަމަޟާން މަހާ ކުރިމަތިލާއިރު އެތައް ބަޔަކު ހިޔާވެހިކަމެއް ނެތި ކައިބޮއެ އުޅޭނެ ގޮތެއް ނެތިފައި އެބަތިބި ކަމަށް މަޓާޓޯގެ ބަޔާނުގައި ބުނެފައިވެ އެވެ. ދިވެހި މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުމާ ނުލައި އޭގެ ތެރެއިން ގިނަ ބަޔަކަށް ރަނގަޅު ކާނާ ނުލިބި، ބަލިވެ އުނދަގޫ ހިސާބަކަށް ކަންކަން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެފައިވެ އެވެ.

މި ތިން ކުންފުނިން ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭން ނިންމާފައިވާ މީހުން ދައުލަތުން ބައިތިއްބާފައި ތިބީ ހުޅުމާލެ އާއި މާލޭގެ ސްކޫލްތަކުގައި އެވެ. މަޓާޓޯއިން ބުނީ ސަލްސާ ކޭޓަރިންގެ އެހީތެރިކަމާއެކު މާލޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް ބަދިގެއެއް ލިބިފައިވާ ކަމަށާއި އަދި ހުޅުމާލޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް ބަދިގެއެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިތަކެތި ވަގުތީ ހިޔާތަކަށް ފޯރުކޮށްދިނުމުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމުގެ ފުރުސަތު އެ ކުންފުނިތަކުން ވަނީ ހުޅުވާލާފައި އެވެ. މަޓާޓޯ އާއި ބޯޓިން އެސޯސިއޭޝަނަކީ މީގެ 10 އަހަރު ކުރިން އުފައްދާފައިވާ އަމިއްލަ ދެ ޖަމިއްޔާ އެވެ.

މިހާރު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ވަގުތީ ހިޔާތަކުގައި86 މީހަކު އެބަ ތިއްބެވެ. އެ މިނިސްޓްރީން ބުނީ 400 އަށް ވުރެ ގިނަ މީހުންނަށް އެފަދަ އިންތިޒާމު ހަމަޖައްސައިދޭން އެދި މާލޭ ސިޓީ ކައުންސިލަށް ވެސް ހުށަހަޅާފައިވާތީ އެ މީހުންނަށް އެހީވުމަށް އެ ކައުންސިލާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް