ވެމްކޯގެ މުވައްޒަފަކަށްވީތީ ކޯވިޑް-19 ޖެހިދާނެ ކަމުގެ ފުރުސަތު ބޮޑުކަމަށްބުނެ މީހަކު ގެއިން ނެރެ މަގުމަތި ކުރި ވާހަކައަކީ ކަން ހިނގާފައިވާގޮތް ނޫން ކަމަށް ވެމްކޯ އަދި ފުލުހުން ބުނެފިއެވެ.
މިގޮތުން ވެމްކޯއިން މިއަދު ނެރެނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވެމްކޯގެ މުވައްޒަފަކު ދިރިއުޅެމުންދިޔަ ގެއިން މަގުމަތިކުރުމުގެ ހާދިސާއެއް ހިނގި ކަމަށް މީސްމީޑިއާ އަދި ހަބަރު ފަތުރާ ބައެއް ވަސީލަތްތަކުގައި ލިޔެފައިވާއިރު އެ މައްސަލައިގެ ބާވަތުން އެ ކޯޕަރޭޝަނުން ކޮމިޓީއެއް އެކުލަވާލައި އެ މުވައްޒަފާއި، އެ މުވައްޒަފު ދިރިއުޅެމުންދިޔަ ގޭބިސީގެ ވެރިފަރާތާއި ބައްދަލުކޮށް މި ހާދިސާ ހިނގާދިޔަގޮތް އެ ކޯޕަރޭޝަނުން ބަލާފައިވާކަމަށެވެ.
އެގޮތުން އިތުރަށް ބެލި ބެލުމުން އެކަމަކީ އެ މުވައްޒަފު ވެމްކޯގައި މަސައްކަތް ކުރުމުގެ ސަބަބުން ކުރިމަތިވި ކަމެއް ނޫންކަން ވަނީ ދެނެގަނެވިފައި ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
"ދޭދޭ ފަރުދުންގެ މެދުގައި ހިނގާ މިފަދަ ހާދިސާތައް މަސްލަހަތު ގެއްލޭނެހެން އަދި ކަމުގެ ހަގީގަތް އޮޅޭނެހެން މީސްމީޑިއާގައި އާންމު ނުކުރުމަށް ގޮވާލަން" ވެމްކޯއިން ބުނެފައިވެއެވެ.
ވެމްކޯއިން އިތުރަށް ބުނެފައިވަނީ މައްސަލައިގެ ހަގީގަތަށް ބެލުމެއްނެތި މީސްމީޑިއާގައި މި މައްސަލަ އާންމުކުރި އެ ކޯޕަރޭޝަންގެ މުވައްޒަފުންވެސް ވަނީ މައްސަލައިގާ ޝާމިލްވާ ފަރާތުގެ އަރިހުން މާފަށްވެސް އެދިފައި ކަމަށާއި މި މައްސަލައިގާ ޝާޟިލްވާ އެއްވެސް ފަރާތެއްގެ އަބުރު ކަތިލުމުގެ އަމަލެއް، މީސްމީޑިއާ އަދި ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ނުހިންގުމަށް އެ ކޯޕަރޝަނުން އިލްތިމާސް ކުރާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގާ ފުލުހުން ބުނެފައިވަނީ ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފަކު ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވާނެކަމަށް ބުނެ ކުއްޔަށް އުޅޭ ތަނުން ނެރެލާފައިވާކަމަށް ތުހުމަތުކޮށް ފުލުހެއްގެ ވަނަވަރާއި ފޮޓޯއާއެކު މީސްމީޑިއާގައި ދައުރުވަމުންދިޔަ ޕޯސްޓަކާ ގުޅޭގޮތުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓަންޑަރޑްސް ކޮމާންޑުން ބެލިބެލުމުން އެއީ ކަން ހިނގާފައިވާގޮތް ނޫންކަން ވަނީ އެނގިފައި ކަމަށެވެ. މިފަދަ ހައްސާސް ދަނޑިވަޅެއްގައި މުޖްތަމްޢުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރަމުންދާ ފުލުހުންގެ ނަން ކިލަނބުވާގޮތަށް ހަގީގަތާޚިލާފު ވާހަކަ ނުފެތުރުމަށް ފުލުހުން ދަންނަވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް