ރިސޯޓުތަކުންދާ މުވައްޒަފުން ރަށްރަށަށް އަރުވަން ޖެހޭނެ!

އެއްރަށުން އަނެއް ރަށަށް ދިއުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމަކުން މަނާކޮށްފައި ވީނަމަވެސް ރިސޯޓުތަކުން ކަރަންޓީން ފުރިހަމަ ކޮށްފައިވާ މުވައްޒަފުން ރަށްރަށަށް އަރުވަން ޖެހޭނެ ކަ...

23 Apr 2020 | 07:46

އެއްރަށުން އަނެއް ރަށަށް ދިއުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމަކުން މަނާކޮށްފައި ވީނަމަވެސް ރިސޯޓުތަކުން ކަރަންޓީން ފުރިހަމަ ކޮށްފައިވާ މުވައްޒަފުން ރަށްރަށަށް އަރުވަން ޖެހޭނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ރަށްތަކަށް އަރާ މީހުން ކޮންޓްރޯލް ކޮށް ކަރަންޓީން ކުރުމުގެ ބާރު ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ރަށު ކައުންސިލްތަކަށް ދީފައި އެވެ. އޭގެ ފަހުން ބައެއް ރަށްރަށަށް ރިސޯޓުގައި ކަރަންޓީން ފުރިހަމަ ކުރުމަށް ދާން ބޭނުންވެގެން އަންގާ މުވައްޒަފުން އެރުމަށް ކައުންސިލް ތަކުން ދެކޮޅު ހަދާ ކަމުގެ ޝަކުވާ ދަނީ އިތުރުވަމުންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރިސޯޓުތަކުން ގެސްޓުން ހުސްވެ ރިސޯޓު ބަންދު ކުރުމުން ރަށަށްދާ މުވައްޒަފުންނަކީ ކަރަންޓީންގެ މުއްދަތު ފުރިހަމަކޮށްފައިވާ މީހުން ކަމަށެވެ. އެމީހުންގެ ފަރާތުން ކޯވިޑް ފެތުރޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި އެމީހުން ރަށަށް ދަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުން ބަލައި ހުއްދަ ލިބިގެން ކަމަށެވެ.

އެކަމަކު ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން އެފަދަ މީހުން ހޯމް ކަރަންޓީން ކުރުމުގެ ބާރު ރަށު ފެންވަރުގައި އުފައްދާފައިވާ ޓާސްކް ފޯސްތަކަށް ލިބިގެންވާ ކަމަށެވެ. އަދި ރަށަށް ދިއުމުގެ ކުރިން އެ ރިސޯޓެއްގެ މެނޭޖްމެންޓުން ރަށު ކައުންސިލްތަކަށް ގުޅައި އެ ރިސޯޓުގެ މުވައްޒަފުންތަކެއް ދާން ބޭނުންވާކަން އަންގަން ޖެހޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް ލިބިފައިވާ މިކަހަލަ ކޭސްތަކަށް ބަލާއިރު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ދަތިތައް ދިމާވާ ނަމަ ޓޫރިޒަމް މިނިސްޓްރީ އަށް އަންގަން ވެސް އެ މިނިސްޓްރީން އެދިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޯވިޑް-19 ރާއްޖެއިން ފުރަތަމަ ފެނުނީ ޓޫރިސްޓު ރިސޯޓަކުންނެވެ. އަދި އިތުރު ރިސޯޓުތަކަކުން ޕޮސިޓިވް ކޭސްތަކެއް ފެނުމުން އެޗްޕީއޭއިން ނިންމާފައިވަނީ ރަށްރަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކުރުމަށް އެންމެ ފަހު ޓޫރިސްޓު ފުރައިގެން ދިޔުމުން ހުރިހާ މުވައްޒަފުން14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރާށެވެ.

އެގޮތުން ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ގިނަ މުވައްޒަފުންތަކެއް ވަނީ ރަށްރަށަށް ގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް