ރާއްޖެއިން ކޯވިޑް-19 ގެ ކޭސްއެއް ނުފެނި 24 ގަޑިއިރު

މުޅި ދުނިޔޭގައި ހަލުވި ސްޕީޑްގައި ފެތުރެމުން އަންނަ އަދި މި ކުޑަކުޑަ ދިވެހިރާއްޖެއިންފެނި ރާއްޖޭގައިވެސް ފެތުރެން ފަށާފައިވާ ކޯވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ކޭސް އެއް ނުފެނި 24 ގ...

22 Apr 2020 | 23:49

މުޅި ދުނިޔޭގައި ހަލުވި ސްޕީޑްގައި ފެތުރެމުން އަންނަ އަދި މި ކުޑަކުޑަ ދިވެހިރާއްޖެއިންފެނި ރާއްޖޭގައިވެސް ފެތުރެން ފަށާފައިވާ ކޯވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ކޭސް އެއް ނުފެނި 24 ގަޑިއިރު ވެއްޖެއެވެ.

އެންމެ ފަހުން ޕޮޒިޓިވް ކޭސް އެއް ފެނުނު ކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ރިޕޯޓްކޮށްފައިވަނީ 22 އޭޕްރީލް 2020 ވަނަ ދުވަހުގެ ދަންވަރު 02:24ގައެވެ. އެއީ ދެ ދިވެއްސަކު ކޯވިޑް19 އަށް ޕޮޒިޓިވްވި ކަމުގެ ރިޕޯޓެވެ. އެއީ ކޭސް ކޭސް 85 އަދި ކޭސް 86 އެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިވަނީ 86 އަށް އަރާފައެވެ. އަދި މާލޭ ސިޓީން ޕޮޒިޓިވް ކޭސް ފެނުނު އަދަދު މިވަނީ 66 އަށް އަރާފައެވެ. މި އަދަދުތަކުގެ ތެރޭން ދެ އަދަދެއް ވަނީ ރާއްޖެއިން ބޭރުގައެވެ، އެއީ އިޓަލީއަށް ފޮނުވާލި ފަހުން ޕޮޒިޓިވް ވި ކޭސްއެވެ. އަދި މާލޭ ސިޓީން ބޭރުގައިވެސް އެއް ކޭސްއެއް އެބަވެއެވެ. އެއީ ހއ. އުލިގަމުން މި ވައިރަހަށް ޕޮޒިޓިވްވި ކޭސްއެވެ.

މި މަހުގެ 15 ވަނަ ދުވަސް ވެގެންދިޔައީ ދިވެހިން ސިއްސުވާލި އަދި އިންތިހާއަށް ބިރުވެސް ގަންނުވާލި ދުވަހަކަށެވެ. އެއީ ފުރަމާއިން ކޯވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވިކަން އިއުލާނު ކުރިދުވައެވެ. ހަމަ އެދުވަހު އިތުރު ކޭސްއެއްވެސް އިއުލާނުކުރެވިގެންދިޔައެވެ. އަދި ޖެހިގެން އައި 16 ވަނަ ދުވަހު އިއުލާނުކުރީ އެންމެ ކޭސް އެއް ނަމަވެސް 17 ވަނަ ދުވަހު އިއުލާނުކުރި އަދަދު ފަހަކަށް އެރިއެވެ. އަދި ޖެހިގެން އައި 18 ވަނަ ދުވަހު އެ އަދަދު ހަތަކަށް އެރުމަށްފަހު 19 ވަނަ ދުވަހު އެ އަދަދު 17 އަށް އެރިއެވެ. އަދި 20 ވަނަ ދުވަހު އެ އަދަދު 15 އަށް ދަށްވެލުމަށްފަހު 21 ވަނަ ދުވަހު 16 މީހަކު ކޯވިޑް19އަށް ޕޮޒިޓިވް ވިކަން އިއުލާނުކުރިއެވެ. ނަމަވެސް 22 ވަނަ ދުވަހު އިއުލާނުކުރީ ޕޮޒިޓިވް ދެ ކޭސްއެކެވެ. ނަމަވެސް މި ލިޔުން މި ލިޔުނު ވަގުތުން ބަލާނަމަ ފާއިތުވ 24 ގަޑިއިރު ޕޮޒިޓިވް އެއްވެސް ކޭސް އެއް ފެނިފައެއް ނުވެއެވެ.

ކޯވިޑް-19 އިން ރާއްޖެ ސަލާމަތް ކުރުމަށް ސިއްހީ ދާއިރާގެ ބޭފުޅުންގެ އިރުޝާދާއެކު އަޅަމުން އަންނަ ފިޔަވަޅުތަކާއި ސަރުކާރުން ނިންމަމުން އަންނަ ނިންމުންތަކަށް މިއަދު މި ވެގެންދަނީ އަނެއްކާވެސް ކުޑަނަމަވެސް އުންމީދަކާއި ހިތްހަޖެހުމެއް ގެނުވި ދުވަހަކަށެވެ.

އެހެން ނަމަވެސް ޑަކުޓަރުން ތަކުރާރުކޮށް އެ ދަންނަވަމުން އަންނަ ފަދައިން ހިނދުކޮޅަކަށްވެސް މި ލިބިގެންދާ ހިތްހަމަޖެހުން ދެމި އޮންނާނީ އަހަރެމެން އެންމެންވެސް ސިއްހީ ދާއިރާގެ ބޭފުޅުން އާދޭހާއެކު، ކޮންމެ ދުވަހަކުވެސް އެ ކުރަމުން އަންނަ އިލްތިމާސްތައް އަޑު އަހައިގެންނެވެ. އިޖްތިމާއީ ގައިދުރުކަން ދަމަހައްޓައިގެންނެވެ. ހަމަ އިތުރު އެއްގޮތެއްވެސް ނެތިގެން ނޫނީ ބޭރަށް ނުގޮސްގެންނެވެ. އަދި ހަމަ އެއް ފަދައެއް ނެތި ބޭރަށް ދާން ޖެހިއްޖެނަމަ އަމިއްލަ ސަލާމަތާއި ރައްކަލަށްޓަކައި މާސްކުވެސް އަޅައިގެންނެވެ. އަދި ބޭރަށް ގޮސް އައިސް ރަނގަޅަށް އަތް ދޮވެ، ފެންވަރާ ސާފުތާހިރުވެ ވައިރަސް ނެތިދާވަރުވެސް ކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް