ސިލްސިލާ ވާހަކަ: ޒާރާ – އަށްޑިހަ ތިންވަނަބައި

''ޔާ ﷲ........... މިއަޅާ މި މުސީބާތުން ސަލާމަތް ކުރައްވާނދޭވެ! ............. މިއަޅާގެ ހިތުގައިވާ އުދާސްތައް ފިއްލަވާ ހަމަޖެހުން މިންވަރު ކުރައްވާދޭނވެ!................ އިމްރާނުގެ ލޯބިން މަހްރޫމް ވާނެ ...

23 Mar 2021 | 16:45

''ޔާ ﷲ........... މިއަޅާ މި މުސީބާތުން ސަލާމަތް ކުރައްވާނދޭވެ! ............. މިއަޅާގެ ހިތުގައިވާ އުދާސްތައް ފިއްލަވާ ހަމަޖެހުން މިންވަރު ކުރައްވާދޭނވެ!................ އިމްރާނުގެ ލޯބިން މަހްރޫމް ވާނެ ފަދަ އެއްވެސް ކަމެއް ކުރިމަތި ނުކުރައްވާދޭނވެ!.............'' ޒާރާ ދެއަތް މައްޗަށް އުފުލާ ދުޢާކޮއްލީ ނިކަމެތި ކަމާއެކުގައެވެ. ޒާރާގެ ލޮލުން ކަރުނަ ފާއްދާލީ ހިތަށް ލިބުނު ވޭނާ ކެކުޅުމުގެ ސަބަބުންނެވެ.

އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާ އަޑު އެވުނެވެ. ޒާރާގެ ހިތް ތެޅިގަތެވެ. ހާސްވެ ކަންބޮޑު ވެއްޖެއެވެ. ޒާރާއަށް ބަލާލެވުނީ ދޮރާދިމާއަށެވެ. މިހާރު ކޮންމެ ކަމަކުންވެސް އޭނާއަށް އިހްސާސްކުރެވެނީ ބިރުވެރިކަމެވެ.

ދޮރު ހުޅުވަން ޒާރާ ޖެހިލުން ވަނީއެވެ. ބޭރުގައި ހުރީ ފަހުދު ކަމުގައި އޭނާގެ ހިތް ބުނަމުން ދާތީއެވެ. އެމީހަކު އެނބުރި ދާނެނަމައޭ ޒާރާގެ ހިތަށް އެރިއެވެ. އޭނާގެ އަމިއްލަ ނަފުސަށް އޮތް އިތުބާރުވަނީ ގެއްލިފައެވެ. ނުފިލާ ބިރުވެރިކަމެއް ހިތުތެރޭގައި ވަކި ހިއްޕާލާފައި ވުމުގެ ސަބަބުން ކިތަންމެ ކުޑަ ކަމަކުންވެސް މީހާ ހާސްވެ ގޮތް ހުސްވެއެވެ. ޒާރާއަށްވެސް ވަނީ އެހެނެވެ.

ކޮންމެ އަޑެއް އިވުނު ނަމަވެސް ސިހެއެވެ. މީހަކު ފަހަތުގައި ހުރިކަމުގެ އިހްސާސް ކުރެވި ބިރު ހީވެއެވެ. އެކަނި ހުންނަން ބިރުގަންނަނީއެވެ. ނުނިދެއެވެ. ނުކެވެއެވެ. ފިކުރު ކުރަމުންގޮސް މީހާ ވަރުބަލިވެއްޖެއެވެ. ނަފުސާނީ ގޮތުންނާ ޖިސްމާނީ ގޮތުން ބަލިކަށި މީހެއްކަމުގައި ވެއްޖެއެވެ. އުފާވެރި ދިރިއުޅުމަކަށް ކުރި އުންމީދުތައް ވެއްޔާ މޮޑެވިއްޖެއެވެ. އެ ރީތި އުޖާލާ މޫނު މިލާ މޯޅި ވެއްޖެއެވެ. ދެލޮލުގައި އެއްވެސް ދިރުމެއް ނެތެވެ. ކުރަކިވެފައިވާ ތުންފަތުގައި ވަނީ އިންތިހާ މާޔޫސްކަމެވެ. ހިނިތުންވުން އެ ރީތި ތުންފަތާ ވަކިވެއްޖެއެވެ. ބަލާ މީހަކަށް ހީވާނީ އެތައް ދުވަހަކު ތަންމަތިވެފައި ތެދުވެ ހުރި މީހެއް ހެނެވެ.

ޒާރާ އެނދުން ތެދުވިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ދޮރާ ދިމާއަށް ހިނގައިގަތެވެ. ތުރުތުރު އަޅަމުން ދިޔަ އިނގިލިތަކުން ތަޅު ހުޅުވާލިއެވެ. ތަޅުގެ އަތްގަނޑުގައި ހިފާ އަނބުރާލިއެވެ.  ދޮރު ހުޅުވަން އެއްވެސް ބާރެއް ލާކަށް ޒާރާއަކަށް ނުޖެހުނެވެ. ބޭރުގައި ހުރި މީހާ ދޮރު ހުޅުވާލީއެވެ.

''ޒައިދު..................'' ޒައިދު ފެނުމުން ޒާރާއަށް ގޮވާލެވުނެވެ. ލިބުނު ހައިރާންކަމަށްވުރެ ހިތަށް ލިބުނު އުފާވެރިކަން ވަކި ކުޑައެއް ނޫނެވެ. ސިނކުޑީގައި ފުނިޖެހިފައިވާ ހުރިހާ އުދާސްތަކެއް ސާފުވި ކަހަލައެވެ. ހިތަށް ލިބުނީ ބަޔާން ކުރަންވެސް ދަތި އުފާވެރިކަމެކެވެ. އިހްސާސް ކުރެވުނީ އެތައްދުވަހަކުއްސުރެ ބިރުވެރި ނާމާން ކިއްލާއެއްގައި ގައިދު ވެފައި ހުރުމަށްފަހު މިނިވަންވުމުން ކުރެވޭނެ ފަދަ އިހުސާސެކެވެ.

''އަންގާވެސް ނުލާ........... އާދޭ އެތެރެއަށް................'' ޒައިދުގެ އަތުގައި ހިފަމުން ޒާރާއަށް ހިނިތުން ވެވުނެވެ. މިލާފައިވާ މޫނުނަށް އުޖާލާކަން ވެރިވިއެވެ.

ޒައިދު އެތެރެއަށް ވަނެވެ. އެހެންނަމަވެސް އޭނާއަށް އޭނާގެ ލޯބިވާ ދޮންތަގެ މޫނުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ.

''ދޮންތަ ބަލީތަ............... މިހާރު ކުރިއަށްވުރެވެސް ހިކިއްޖެ........... ކިހިނެތްވެފަ ތިހިރީ....... ލޯވެސް ތިހިރީ ރަތްވެފަ............ ކަމެއް ގޯހީތަ............'' ޒާރާގެ މޫނަށް ބަލާލަމުން ޒައިދު ސުވާލު ކޮއްލިއެވެ.

ޒައިދު ފެނުމުން އެއްފަރާތަށް ކެހިގެންދިޔަ ހަނދާންތައް އާވެގަތެވެ. އެ އުދާސްތައް ހިތާއި ސިނކުޑި ތެރޭގައި އުތުރިގަތެވެ. މޫނުގެ ކުލަ ފަނޑުވެ އުޖާލާކަން ގެއްލުނެވެ. ހިތާމައާއި ހިތްދަތިކަމުގެ އިހްސާސްތައް އުތުރިގަތެވެ. އަޅަމުންދާ  ވޭނާ ކުރެވެމުން ދިޔަ ހިތްދަތި އިހްސާސްތަކުގެ މައްޗަށް ބާރު ފޯރުވުން އުނދަގޫވީ ޒައިދުގެ ހަމްދަރުދީގެ ބަސްތަކުގެ ސަބަބުންނެވެ.

ޒައިދުގެ ސުވާލުތަކަށް ޖަވާބެއް ނުދެވުނެވެ. ޒާރާގެ ލޮލުން ކަރުނަ ނީރާލީ ޒައިދު ބަލަންހުއްޓައެވެ. އެ މޫނަށް ވެރިވަމުން ދިޔަ ހިތާމަވެރި ކުލަވަރުތައް ޒައިދަކަށް ސިއްރެއް ނުވިއެވެ. އެއީ އޭނާއަށް އޭނާގެ ދޮންތަ ''އެނގޭ'' ކަމުގެ އަލިގަދަ ހެއްކެކެވެ. ޒާރާ އަކީ އަވަހަށް ދެރަވާ، އެހާމެ އަވަހަށް ރޮވޭ ކުއްޖެކެވެ. އެފަދަ އެތަކެއް ހާލަތު ޒައިދު ވަނީ ތަޖުރިބާ ކޮއްފައެވެ.

ޒާރާގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދުމަށް ފަހު ގާތުގައި ޒައިދު އިށީނެވެ.

''ދޮންތާ............. ވީގޮތެއް ބުނެބަލަ............ ދޮންތަ ތިވަރަށް ހިތާމަކުރަން ޖެހޭ ސަބަބެއް އަހަންނަށް އެނގެން ޖެހޭނެ........... ފެމިލީ މީހުން ގޯހީތަ........... ދޮންތަބެ މަންމަ އެއްޗެކޭ ބުނީތަ........... އެހެން ނޫނީ ދޮންތަބެ ގޯހީތަ........'' ޒައިދު ބަލާލީ ޒާރާގެ މޫނަށެވެ.

ލޯތްބާ ހަމްދަރުދީއާ ކުލުނަށް ބޭނުންވެފައިވާ ޒާރާއަށް ވީ އެފަދަވަގުތެއްގައި އެފަދަ އެހެން މީހަކަށްވެސް ވާނެގޮތެވެ. ގިސްލާ ރޮވުނެވެ. އަނގައިން ބަހެއް ބޭރު ކުރެވޭވަރަށްވުރެ ޒަރާގެ ހާލަތު ގޯސްވިއެވެ. ޒައިދުގެ ކޮނޑުގައި ބޯ އަޅާލެވުނީ އިކްތިޔާރުން ބޭރުގައެވެ.  އަޑުންއަޑުނަގާ ރޮއެގަނެވުނީ ޒާރާގެ ބުރަކަށީގައި ޒައިދު ފިރުމާލުމުންނެވެ. އެ ލޯބި އިހްސާސް ވުމުން ޒާރާގެ ހިތަށް ލިބުނީ ބަޔާން ކުރަންދަތި އުފަލެކެވެ.

ޒާރާ އެވަރަށް އެ ރޮނީ ކޮންމެވެސް ބޮޑު ކަމެއް ވެގެންކަން ޒައިދަށް ޔަގީންވިއެވެ. އެހެންކަމުން ރޯލުމުން ކޮންމެވެސް ވަރަކަށް ސިކުނޑިއަށް ލުޔެއް ލިބޭނެކަމަށް އޭނާއަށް ގަބޫލުކުރެވޭތީ އެފުރުސަތު ދީގެން އޭނާ އިނީއެވެ.

އެތައް އިރަކު ރުއިމަށްފަހު ޒާރާ ހަމައަކަށް އެޅުނެވެ. އެވަގުތު ޒިލީ ހޭލިއެވެ. ތުއްތު އަޑުން އަޑުލައްވަންފެށިއެވެ. ޒައިދު އަވަސްވެގަތީ ޒިލީ ދެކިލުމަށެވެ.

''އައްދެ........ ދޮންބެގެ ޕުޑިންކޮޅު........... ބޮޑުވެއްޖެ ދޯ.......... '' ހެވިފައި ބަލަން އޮތް ޒިލީގެ ކޮލުގައި ކޮއްޓާލަމުން ޒައިދު ޒިލީއާ ވާހަކަދެއްކިއެވެ. ޒާރާއަށް އެމަންޒަރު ނުހަނު ހިތްގައިމު ވިއެވެ.

ޒައިދު މާލެއައީ އޮފީސް ދަތުރެއްގައެވެ. ތިން ދުވަހުގެ ދަތުރެއްކަމަށް ވިޔަސް މިވަގުތު ޒައިދު އައުން އެއީ ޒާރާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވިއެވެ. ފަހުދުގެ އުނދަގުލެއް ނެތި ހަމަޖެހިލައިގެން އުޅެވޭނެތީ ހިތްހަމަޖެހުނެވެ.

ޒައިދު ހުންނަން ހަމަޖެއްސީ ޒާރާގެ އެޕާޓްމަންޓްގައެވެ. ގިނަވަގުތު ބޭރުގައި އުޅެން ޖެހުނަސް ހަމަގައިމުވެސް ރޭގަނޑުގެ ވަގުތު ބިރުވެރިކަމާ ނުލާ ހޭދަކުރެވޭނެތާއެވެ.

މެންދުރު ކެއްކުމުގެ މަސައްކަތުގައި ޖީނާއާއެކު ޒާރާވެސް އުޅުނު ވަގުތެކެވެ. ޒައިދު ހުރުމާއެކު ޒާރާ ބޭނުންވީ އޭނާ ހުރެގެން މެންދުރުގެ ކެއްކުމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ. ޒައިދަށް މީރުވާނީ ޒާރާ ކައްކާ އެއްޗިހިކަން އެނގޭތީއެވެ.

ސަރީފާ އިނީ ސިޓިން ރޫމް ސޯފާގައެވެ. ކުޑަކުޑަ ޒިލީ އިނީ ދުއްވާ ކޮއްޓެއްގައެވެ. މާމަދަރިފުޅުގެ ތުއްތު ހަރަކާތްތަކުން އުފާލިބިގަންނަމުންދިޔަ ސަރީފާ ސިހުނީ ފަހަތުން އައި ފަހުދު އޭނާގެ ދެކޮނޑުގައި އަތް އެޅުމުންނެވެ.

''އަދި ހޭލެވުނީދޯ............ އިއްޔެ ގައިމު އޮފު ދުވަހެއްނު........... ފަހުދު މާބޮޑަށް ވިއްޔަ ކަންނެތީ............ '' ސަރީފާ ނުހަނު ލޯބިން ބުނެލިއެވެ.

''ހާދަ މީރުވަސްހެއް އެބަދުވައޭ........... މާ ހާއްސަ ދުވަހަކީތަ.............. ފަހަރި ކައްކާތީ އެހާ މީރުވަސް އެ ދުވަނީ.......... ބަނޑު ފުރިއްޖެ...........'' ސަރީފާ ދެއްކި އެއްވެސް ވާހަކައެއް ފަހުދަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. އެނާގެ ލޯ އަމާޒުވެފައިވަނީ ބަދިގެ ތެރޭގައި އަވަދިނެތި އުޅެމުން ދިޔަ ޒާރާއަށެވެ.

''ދޮންބެ އައިއޭ ދޯ ދަރިފުޅާ.......... އެހެންވީމަ ހާއްސަވާނެ އެއްނު ކެއުންވެސް ދޯ........ މާމަ ދަރިފުޅުގެ ދޮންމެ އައިމަ ދޯ..........'' ކޮށީގައި އިން ޒިލީ ނަގާ އުރާލަމުން ސަރީފާ އެ ތުއްތު މޫނުގައި ބޮސްދިނެވެ.

ސަރީފާ ގެ ޖުމްލަ އަޑުއިވުމާއެކު ފަހުދުގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. ތުންފަތުގައި ހުރި ހިނިތުންވުން ފިލައިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. މަޑުމަޑުން ހިނގައިގަތީ ބަދިގެ ތެރެއަށެވެ. މޭޒުކައިރީގައި ކެރެޓްކޮޅު ކޮށަންހުރި ޒާރާއާ ނުހަނު ކައިރީގައި ފަހުދު ހުއްޓުނެވެ. ޒާރާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. އަތް ތުރުތުރު އަޅަންފެށިއެވެ. ހަށިގަނޑު ފިނިވާން ފެށިއެވެ. ކޮޅަށް ހުންނަން އުނދަގޫވާވަރަށް ހަށިގަނޑުގެ ބާރު ދޫވާހެން އޭނާއަށް ހީވިއެވެ.

''ތީ ކޮން ރޭވުމެއް............ ތިހެން ސަލާމަތެއް ނުވެވޭނެ އިނގޭ......... ޒައިދު ގެނަޔަސް މަ ޖެހިލުން ވާނެޔޭ ހީނުކުރާތި............. '' ކެރެޓްކޮޅެއް އަނގަޔަށްލަމުން ފަހުދު ވާހަކަ ދެއްކިއެވެ. މަޑުމަޑުންނެވެ. ހަމައެކަނި ޒާރާއަށް އިވޭ ވަރަށެވެ.

-------------------------------------------------------------

ނުނިމޭ.... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 25 މާރިޗް ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް