އިމާރާތުގެ ހަކަތަ ސަމަކާރަ ގައިޑްލައިންގެ ޓްރޭނިންގ ފަށައިފި

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިގެން ތައްޔާރުކުރަމުން އަންނަ ހަކަތަ ސަމަކާރަ ބިލްޑިންގ ގައިޑްލައިނުގެ ޓްރެއިނިންގ މިއަ...

23 Mar 2021 | 12:12

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިގެން ތައްޔާރުކުރަމުން އަންނަ ހަކަތަ ސަމަކާރަ ބިލްޑިންގ ގައިޑްލައިނުގެ ޓްރެއިނިންގ މިއަދު ފަށައިފިއެވެ.

އޮންލައިންކޮށް ފެށި، 3 ދުވަހުގެ މިޓްރެއިނިންގ އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގައި އުފައްދާ ހަކަތައިގެ ބޮޑު ބައެއް އިމާރާތްތަކުގައި ބޭނުންކުރާކަމާއި، އިމާރާތެއް ހަކަތަ ސަމަކާރަ ކުރަން ބޭނުންނަމަ އެ އިމާރަތުގެ ބިންގަލާއެކު އެކަމުގެ އަމަލީ މަސައްކަތް ފެށެންޖެހޭކަން ފާހަގަ ކުރެއްވިއެވެ. އަދި މިގައިޑްލައިން އަދި އޮތީ ޑްރާފްޓެއްގެ ގޮތުގައި ކަމާއި، މިގައިޑްލައިން ޑްރާފްޓެއް ގޮތައް އޮވެ ޓްރޭނިންގ ހިންގުމުގެ ބޭނުމަކީ ޓްރޭނިންގ ތެރޭގައި ހަދާ އެކްސަޒައިޒު ތަކާއެކު ތިޔަބޭފުޅުންގެ ހުރި ޚިޔާލުވެސް ހިމަނައިގެން ގައިޑްލައިން ފުރިހަމަ ކުރުމުގެ މަޤުސަދުގައި ކަން ފާހަގަ ކުރެއްވިއެވެ.

އިމާރާތުގެ ހަކަތަ ސަމަކާރަ ގައިޑްލައިނެއް ތައްޔާރުކުރުމުގެ މަޤްސަދަކީ އިމާރާތްކުރުމުގެ ދާއިރާ ކުރިއަރައިގެންދާ ދިއުމުގައި، ބިނާކުރާ އިމާރާތްތަކުގައި ކަރަންޓު ބޭނުންކުރަންޖެހޭ މިންވަރު ދަށްކުރުމަށް މިހާރަށްވުރެން ސަމަކާރަ ގޮތްތައް ޚިޔާރުކޮށް އިމާރާތްތަކުން އިސްރާފުވާ ކަރަންޓުގެ ނިސްބަތް ދަށްކުރުމެވެ.

މި ގައިޑްލައިނަކީ ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާއާއި އެކު ތައްޔާރުކުރާ ގައިޑްލައިނެކެވެ. އޭގެ ތެރޭގައި އާކިޓެކްޓްސް އެސޯސިއޭޝަނާއި، ސިވިލް އެންޖިނިއަރސް އެސޯސިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާއި، ޔުޓިލިޓީ ކުންފުނިތަކުން ބޭފުޅުންގެ ބައިވެރިވުން ފާހަގަ ކޮށްލަން ޖެހެއެވެ.

މިޓްރެއިނިންގައި ރާއްޖޭގައި ޕްރެކްޓިސް ކުރާ ޕްރޮފެޝަނަލުންގެ 93 ބޭފުޅުން ބައިވެރި ވެފައިވެއެވެ.

މިގައިޑްލައިން ތައްޔާރުކުރަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ ހިލޭއެހީގެ ދަށުން، މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ އެކު ހިންގަމުން އަންނަ "ސްޓްރެންގތެނިންގ ލޯ ކާބަން އެނަޖީ އައިލެންޑް ސްޓްރެޓަޖީސް" މަޝްރޫޢުގެ ދަށުންނެވެ. މިމަޝްރޫޢުގެ މައިގަނޑު މަގުސަދަކީ އިމާރާތްކުރުމުގެ ދާއިރާއިން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމާއި، ރާއްޖޭގައި އުފައްދާ ހަކަތަ އޭގެ އެންމެ ހެޔޮގޮތު ގައި ބޭނުންކުރުމަށް ބާރުއެޅުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް