ބަނޫއިސްރާއީލު ބާގައިގެ މީހުން، މާތް ﷲ ގެ ކަލާމްފުޅު ބަދަލުކޮށް، ސިޙުރުހާހޫރައިގެ ފޮތްތަކާ ތަބާވި އެވެ. އެއީ ސަލާމްލެއްވި ސުލައިމާނުގެފާނުގެ ޒަމާނުގައި އެމީހުން ގެންގުޅުނު ސިޙުރުހާހޫރައިގެ ފޮތްތަކެވެ. އޭރު ޖިންނި ޝައިޠާނުން އުޑަށް އަރައި، އެހުމުން ވައްކަންކޮށްގެން، އެއަށް ދޮގުބުހުތާން އިތުރުކުރުމަށްފަހު، އެ އެއްޗެހި ކަހީނުނަށް ކިޔައިދެމުން ގެންދިޔަ އެވެ. ދެން ކަހީނުން އެ އެއްޗެހި ފޮތްފޮތުގައި ލިޔަމުން ގެންދިޔަ އެވެ. އަދި މީހުން އެ ފޮތްތައް ކިޔައި، އޭގައިވާ ސިޙުރުހާހޫރަ ދަސްކުރަމުން ވެސް ގެންދިޔަ އެވެ. ސަލާމްލެއްވި ސުލައިމާނުގެފާނުގެ ޒަމާނުގައި، އެކަންތައް އޮތީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އެ ފޮތްތަކުގެ މައްޗަށް ބިނާކޮށް، ޖިންނީންނަށް ޣައިބުގައިވާ ކަންތައްތައް އެނގޭކަމަށް، އޭރު އެމީހުން ތިބީ ގަބޫލުކޮށްގެންނެވެ.
އެޒަމާނުގެ ބައެއް މީހުން ގަބޫލުކުރި ގޮތުގައި، ސަލާމްލެއްވި ސުލައިމާނުގެފާނަށް ލިބިވަޑައިގެންފައިވާ އާރާއި ބާރަކީ ސިޙުރުހާހޫރަ އެވެ. އެމީހުން ހީކުރީ، އެކަލޭގެފާނު ޖިންނީންނާއި ޝައިޠާނުން ކިޔަމަންކުރައްވަނީ އެއިން ކަމަށެވެ. އިންސީންނާއި ޖަނަވާރުތައް ވެސް ކިޔަމަންކުރައްވަނީ އެއިން ކަމަށެވެ. އަދި ދޫނީސޫފާސޫފިތަކާއި ވައި ވެސް ކިޔަމަންކުރައްވަނީ އެއިން ކަމަށެވެ. މިއީ ބާޠިލު، ކުށް ހީތަކެއްކަން ބަޔާންކުރެއްވުމަށްޓަކައި، މާތް ﷲ، ދެ މަލާއިކަތަކު ދުނިޔެއަށް ފޮނުއްވި އެވެ. އެއީ ހާރޫތާއި މާރޫތެވެ. އެ ދެ މަލާއިކަތުން ދުނިޔެއަށް ވަޑައިގެން، މީސްތަކުންނަށް ސިޙުރު އުނގަންނަވައިދެއްވި އެވެ. އެކަމަކީ، މާތް ﷲ ގެ ޙަޟުރަތުން މީސްތަކުންނާ ކުރިމަތިކުރެއްވުނު އިމްތިޙާނެކެވެ. އެއަށް އީމާންވާ މީހުންނާއި، ތެދުމަގުގައި ފައިތިލަ ސާބިތުކުރާ މީހުން ދެއްކެވުމަށްޓަކަ އެވެ. ސިޙުރުހާހޫރައާއި މުޢުޖިޒާތުގެ ތަފާތާއި އަދި ނަބީބޭކަލުން ދައްކަވާ ވާހަކަފުޅުތަކާއި ސިޙުރުވެރިން ދައްކާ ވާހަކައިގެ ތަފާތު ވެސް ބަޔާންކުރެއްވުމަށްޓަކަ އެވެ.
ހާރޫތާއި މާރޫތު، ސިޙުރު އުގަންނަވައި ދެއްވުމުގެ ކުރިން ކޮންމެ މީހަކަށް ވެސް ނަޞީޙަތް ދެއްވަ އެވެ. އެ ދެ މަލާއިކަތުން ވިދާޅުވެ އެވެ. ތިމަންމެން ވާކަންކަށަވަރީ، އީމާންކަން ހުރި ވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރިކުރައްވާފައިވާ އިމްތިޙާނެއް ކަމުގަ އެވެ. ފަހެ، ތިމަން ދެ މަލާއިކަތުންގެ އަރިހުން ސިޙުރު ދަސްކޮށްގެން، އެ ޤަބޫލުކޮށް، އެއިން ޢަމަލުކޮށްފި މީހާ ކާފިރުވެއްޖެ އެވެ. (އޭނާ ވާނީ އިމްތިޙާނުން ފޭލްވެ، ދަށުދަރަޖައަކަށް ވެއްޓިއްޖެ މީހެއް ކަމުގަ އެވެ.) އަދި އެއިން ޢަމަލުނުކޮށް ތެދުމަގުގައި ފައިތިލަ ސާބިތުކޮށްފި މީހާ، އީމާންކަންމަތީ ސާބިތުވެއްޖެ އެވެ. (އޭނާ ވާނީ، އިމްތިޙާނުން ފާސްވެ، މަތިވެރި ދަރަޖައަކަށް ވާޞިލުވެއްޖެ މީހެއް ކަމުގަ އެވެ.)
މީހުން، ހާރޫތާއި މާރޫތުގެ އަރިހުން ސިޙުރުގެ ޢިލްމު ދަސްކުރި އެވެ. ދެމަފިރިންގެ ދެމެދު ދުރުކޮށް، ދެމަފިރިން ވަރިކުރުމުގެ ސަބަބެއް ކަމުގައިވާ "ވަރިތޮޅި" އެ ސިޙުރުގެ ތެރޭގައި ވި އެވެ. އެއިން ވަރިތޮޅިއެއް ހެދުމުން، މާތް ﷲ ގެ އިޒުނަފުޅާ ލައިގެން، އެ ދެމަފިރިން އެކަކު އަނެކަކަށް ނަފުރަތުކުރުން އުފެދި، އެ ދެމަފިރިންގެ ދެމެދުގައި ޚިލާފުތައް ވެސް ގިނަވެދެ އެވެ. އެކަންތައްތައް އިންތިހާދަރަޖައަށް ދިއުމުން އެކުގައި ނޫޅެވިގެން އެންމެފަހުން އެ ދެމަފިރިން ވަރިވެދެ އެވެ.
ޙަޤީޤަތުގައި ސިޙުރަކީ، އޭގެ އަމިއްލަ ޒާތުގައި އެއިން އެއްވެސް އަސަރެއް ކުރާނޭ އެއްޗެއް ނޫނެވެ. އެއިން އަސަރެއް ކުރާނީ މާތް ﷲ ގެ އިޒުނަފުޅާ ލައިގެންނެވެ. އެހެނީ ސިޙުރަކީ ސަބަބެކެވެ. އެ ސަބަބު މެދުވެރިވުމުން އެއިން ބާރެއް ފޯރުމާއި، އެއިން ބާރެއް ނުފޯރުން ބިނާވެފައިވަނީ އެކަލާނގެ އިޒުނަފުޅާއި، އިރާދަފުޅުގެ މައްޗަށެވެ. ހާރޫތާއި މާރޫތުގެ އަރިހުން ސިޙުރު އުނގެނުނު މީހުން އެ އުނގެނުނީ، އެމީހުންނަށް މަންފާއެއް ނެތް އެއްޗިއްސެވެ. އެކަމަކު އެއިން އެމީހުންނަށް ލިބޭނީ ގެއްލުމާއި ހަލާކެވެ. އެހެނީ އެމީހުން އޭގެ ބޭނުންކުރާނީ އެހެން މީހުންނަށް ގެއްލުންދިނުމަށްޓަކަ އެވެ.
މާތް ﷲ ކަލާމްފުޅު ބަދަލުކޮށްގެން އެއިން ސިޙުރު ހަދައިފި މީހަކަށް އާޚިރަތުގައި ސުވަރުގެ ވަނުމުގެ ނިޢުމަތް ނުލިބޭނެކަން ވަނީ ބަނޫއިސްރާއީލު ބާގައިގެ މީހުންނަށް އެނގިފަ އެވެ. ނަމަވެސް އެމީހުންގެ ތެރެއިން ބަޔަކު އެއިން އެގޮތަށް ސިޙުރުހަދައި އުޅުނެވެ. އެއީ ނުބައިކަން ބޮޑުވެގެންވާ ޢަމަލެކެވެ.
މާތް ﷲ، ހާރޫތާއި މާރޫތު ދުނިޔެއަށް ފޮނުއްވީ، ޙައްޤާއި ބާޠިލު ވަކިކުރައްވައި، އެ ދޭތީގެ ފަރަޤު ބަޔާންކުރެއްވުމަށްޓަކަ އެވެ. ޙައްޤަކީ، ސުލައިމާނުގެފާނަށް އެކަލާނގެ ދެއްވި މުއުޖިޒާތެވެ. ބާޠިލަކީ، ކަހީނުންގެ ސިޙުރެވެ. ސުލައިމާނުގެފާނަށް ދެއްވި ރަސްކަމުގެ އާރާއި ބާރަކީ، މާތް ﷲ އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތެވެ. ކަހީނުންނަށް ލިބިފައިވާ ގާބިލުކަމުގެ ބާރަކީ އެމީހުން ހަދާ ސިޙުރެވެ.
މިއީ، ހާރޫތާއި މާރޫތުގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ އިމުގެ ތެރޭގައި ދޭހަވާ މިންވަރެވެ. ކީރިތި ޤުރުއާނުގައި މިވާހަކަ ބަޔާންކުރައްވާފައިވަނީ، އަލްބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގަ އެވެ. މިވާހަކަ މިއަށްވުރެ ދިގުކޮށް ވެސް ބައެއް ފޮތްފޮތުގައި ވެ އެވެ. ނަމަވެސް ދިގުކޮށް ލިޔެފައިވާ މިވާހަކައިގެ ނަކަލުތަކަށް ބަލާއިރު، އޭގައި އިސްރާއީލިއްޔާތާއި، ދޮގު ހިމެނޭކަން އެނގެ އެވެ. މިހެންވެ، މިވަރުން ފުއްދާލީ އެވެ.
މަޢުލޫމާތު: ބަޚުރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް