ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ރިސޯޓުތައް ބޭނުން ކުރާ މުއްދަތަށް އެ ރިސޯޓުތަކުން ދައުލަތަށް ކުލި ދައްކަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ ރިސޯޓުތަކާއި އެކު ސަރުކާރުން ހަދާފައި އޮންނަ އެއްބަސްވުމުގައި ދައުލަތުން ބޭނުންވެއްޖެ ހިނދެއްގައި ނުވަތަ ކުއްލި ހާލަތެއްގައި ރިސޯޓުތައް ދައުލަތަށް ނެގުމުގެ ބާރު އޮންނާނެ ކަމަށެވެ. އެފަދަ ހާލަތެއްގައި ދައުލަތަށް ރިސޯޓު ނަގާނަމަ އެ ރިސޯޓަކަށް ދައްކަން ޖެހޭނީ ބޭނުން ކުރާ ކޮންމެ ކޮޓަރިއަކަށް ރެއަކާއި ދުވާލަށް750 ރުފިޔާ ކަމަށެވެ.
އަދި މި މުއްދަތުގައި ސަރުކާރުން ބޭނުން ކުރާއިރު ފެނާއި ކަރަންޓު، ރިސޯޓު ސާފުކުރުން އަދި ދޮވެ އިސްތިރި ކުރުމަކީ ރިސޯޓު ހިންގާ ކުންފުނިން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ކަމަށެވެ.
މަބްރޫކް ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ ހާލަތުގައި ރިސޯޓުތައް ސަރުކާރަށް ނަގަމުންދަނީ ތިން މަސްދުވަހަށެވެ. ސަރުކާރުން ނިންމާފައިވަނީ އެ މުއްދަތުގައި ކޮޓަރިތަކަށް ދައްކަން ޖެހޭ ކުލީގެ ބަދަލުގައި އެ ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ކުލި މައާފުކޮށްދިނުމަށް ކަމަށެވެ.
މިގޮތަށް ނިންމީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކުރަމުންދާ އުސޫލު ކަމަށްވާ ސްކޫލް އަދި ސްޓޭޑިއަމް ފަދަ ތަންތަނުގައި ކަރަންޓީން ފެސިލިޓީތައް ގާއިމް ކުރުމުން ދައުލަތުން ކުރަންޖެހޭ ހަރަދުތަކަށް ބަލާފައި ކަމަށެވެ. އެގޮތުން ރާއްޖޭގައި އެފަދަ ތަންތަން ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރާނަމަ ބޯފެނާއި، ކަރަންޓާއި، ކެއުމާއި، ބޭނުންވާ ހިދުމްތަތްއް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހަރަދު މާބޮޑުވާނެ ކަމަށެވެ.
މިވަގުތު ކަރަންޓީން ފެސިލިޓީގެ ގޮތުގައި އަށް ރިސޯޓާއި ގެސްޓު ހައުސްއެއް ބޭނުން ކުރަމުން އެބަދެ އެވެ. އަދި އެ ތަންތަނުގައި550 މީހުން ކަރަންޓީން ކޮށްފައި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް