ހަކުރާ ހުރާއިން ޝައްކުވާ މީހާއާ ގުޅުންހުރި 62 މުވައްޒަފަކު އައިސޮލޭޝަންގައި

ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްގައި ކޮރޯނާ ވައިރަސްއަށް ޝައްކު ވެގެން ޓެސްޓުކޮށްފައިވާ ބިދޭސީ މީހާއާ ގުޅުންހުރި ގިނަ އަދަދެއްގެ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އައިސޮލޭޓްކޮށްފި އެވެ. ކ...

23 Mar 2020 | 12:31

ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްގައި ކޮރޯނާ ވައިރަސްއަށް ޝައްކު ވެގެން ޓެސްޓުކޮށްފައިވާ ބިދޭސީ މީހާއާ ގުޅުންހުރި ގިނަ އަދަދެއްގެ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އައިސޮލޭޓްކޮށްފި އެވެ.

ކޯވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ރިސޯޓުން ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި މީހާގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށެވެ. އެމީހާ ވައިރަހަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

މަބްރޫކް ވިދާޅުވީ އެ ކޭސްއާއި ގުޅިގެން ގިނަ އަދަދެއްގެ މުވައްޒަފުން އައިސޮލޭޝަންގައި ބައިތިއްބާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްއޭސީއެލްގެ 41 މުވައްޒަފަކު، ކަސްޓަމްސްގެ 17 މުވައްޒަފަކު، އިމިގްރޭޝަންގެ އެއް މުވައްޒަފުގެ އިތުރުން ޓީއެމްއޭގެ ތިން މުވައްޒަފެކެވެ.

އެ62 މުވައްޒަފުންނަކީ އެއާޕޯޓުން އޭނާ އާއި މުއާމަލާތް ކުރެވިފައިވާ މީހުންނެވެ. އަދި އެމީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަ ކަމަށް ވިދާޅުވި އެވެ.

މި ކޭސް އިތުރު ފުޓުބޯޅަ ކުޅުންތެރިޔާ މާރުއާން ފެލައިނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ދިޔަފަހުން ވައިރަހަށް ޕޮސިޓިވްވެފައިވާތީ ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް އޭނާ އާއި ގުޅުންހުރި ދެމީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނާތީ ޓެސްޓު ކުރުމަށް ފަހު ވެލިދޫ އައިލެންޑް ރިސޯޓުގައި ވަނީ އައިސޮލޭޓް ކޮށްފައި އެވެ.

މީގެ އިތުރުން އެ ދެމީހުން މާލޭގައި ދިރިއުޅޭ ދެ ގެ ބަންދުކޮށް އެ ދެ ގޭގައި ދިރިއުޅޭ އެންމެން ވައިރަހަށް ޓެސްޓު ކުރަން ނިންމާފައި ވެއެވެ. އެޗްޕީއޭއިން ބުނީ އެގޭގޭގެ ބައެއް މީހުން ފަރާތުން ބަލީގެ އަލާމާތްތައް ފެންނަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް