ކޯވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގެ ކިބައިން އެދިފައިވާ އެހީ ފޮނުވުމަށް ތައްޔާރުވެފައިވާކަމަށާއި، އެހެންނަމަވެސް އެހީ ފޮނުވާނެ މަގެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.
ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން އެހީއަށް ބޭނުންވި ވަގުތު ދިވެހިން އެހީވެ ދިންކަމަށާއި، ދިވެހިންނަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެހީގެ ތަކެތި ފޮނުވުމަށް މިހާރު ތައްޔާރުވެފައިވާކަމަށާއި، އެހެންނަމަވެސް ފޮނުވާނެ ފްލައިޓެއް ބަލަމުންދާކަމަށެވެ.
ރާއްޖެއާއި ޗައިނާ އާ ދެމެދު ވައިގެ ދަތުރުފަތުރު ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، ބައިނަލްއަޤްވާމީ ގިނަ އެހެން ފްލައިޓްތައްވެސް މެދުކަނޑާލާފައިވުމުން ރާއްޖެއަށް ޗައިނާއިން މުދަލާ މީހުން ގެނައުމަށް ގިނަ ހުރަސްތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ.
https://twitter.com/abdulla_shahid/status/1242028782149488646
ޗައިނާ ސަފީރުގެ ޓްވީޓާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ހުއްޓުމުގެ ސަބަބުން ފްލައިޓްތައް ހޯދުމަށް ދަތިވާނެކަން ދިވެހި ރައްޔިތުން ޤަބޫލުކުރާކަމަށެވެ.
އެހެންނަމަވެސް އަވަސް މުސްތަޤްބަލެއްގައި މި އެހީ ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް