ރަށްރަށުގެ ކެފޭތަކުން ޑެލިވެރީ އާއި ޓޭކްއަވޭގެ ހިދުމަތް އެކަނި ދިނުން އެދެން: ޑރ. މުރާދު

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ރަށްރަށުގައި ހިންގާ ކެފޭ، ރެސްޓޯރެންޓައް ބަންދު ކޮށް ޑެލިވަރީ އާއި ޓޭކް އަވޭގެ ހިދުމަތް ދިނުމަކީ އިލްތިމާސް ކުރާ ކަމެއްކަމަށް އައިޖީއެމްއެޗުގ...

23 Mar 2020 | 08:23

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ރަށްރަށުގައި ހިންގާ ކެފޭ، ރެސްޓޯރެންޓައް ބަންދު ކޮށް ޑެލިވަރީ އާއި ޓޭކް އަވޭގެ ހިދުމަތް ދިނުމަކީ އިލްތިމާސް ކުރާ ކަމެއްކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުރާދު ވިދާޅުވީ ގްރޭޓާ މާލޭ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓުތައް ބަންދު ކުރަން ކޯވިޑް-19 ގެ ޓެކްނިކަލް ޓީމުން ލަފާ ދިނީ ހިދުމަތްތައް ހުއްޓުވާލަން ވެގެން ނޫން ކަމަށެވެ. ބޭނުމަކީ ގިނަ ބަޔަކު އެއްތަނަކަށް އެއްވުން ކޮންޓްރޯލް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުރާދު ވިދާޅުވީ މި ވައިރަހާއި ގުޅިގެން މިވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން އާންމުންނަށް ކަމުގެ ސީރިއަސްކަން އިހުސާސް ނުކުރެވޭ ކަމަށެވެ. އެކަމަކު ކުއްލިއަކަށްވެސް ރާއްޖޭގެ މި ހާލަތު ބަދަލުވެދާނެ ކަމަށް ބަލައި އަތޮޅު ތެރޭގެ ރަށްރަށުގައިވެސް ފަރުދީ ޒިންމާއެއްގެ ގޮތުން ކެފޭ، ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކުން އެގޮތަށް އަމަލު ކުރުމަކީ އެދެވިގެންވާ ކަމެއް ކަމެވެ.

މިކަމާ ގުޅޭގޮތުން ކޯވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު ކެފޭ، ރެސްޓޯރެންޓުތައް ބަންދުކޮށް ވަކި ގޮތަކަށް ހިދުމަތް ދިނުމަށް އަންގާފައިވަނީ މާލެ ސަރަހައްދުގައި އެކަނި ކަމަށެވެ. އެކަމަކު މިހާރު މިއޮތް ހާލަތަށް ބަދަލެއް އަތުވެއްޖެ ނަމަ އަތޮޅުތެރޭގެ ރަށްރަށުގައިވެސް މި އިސޫލުން އަމަލު ކުރަން އެންގުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގެވުމަކުން މާލެެ ސަރަހައްދުގެ ކެފޭ، ރެސްޓޯރެކްޓުތައް ބަންދުކޮށް ހަމައެކަނި ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ދޭގޮތަށް އެންގީ ވަކި މުއްދަތެއް ނެތްގޮތަށެވެ.

އެކަމަކު ބައެއް ފަރާތްތަކުން ބުނަމުންދަނީ ބަންދު ބޯޑު އަޅުވައިގެން ބައެއް ކެފޭތަކުގައި ހިދުމަތް ދެމުންދާ ކަމަށެވެ. ސަރުކާރުން ވަނީ އެފަދަ ފަރާތްތަކުގެ ރިޕޯޓު ކުރުމުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް