ކޯވިޑް-19: ޖަރުމަނުވިލާތުގެ ޗާންސެލާ ގޭގައި ކަރަންޓީނުކޮށްފި

ޖަރުމަނުވިލާތުގެ އެންމެ މަތީ ވެރިޔާ އެނގެލާ މާރކެލް ގޭގައި ކަރަންޓީނުކޮށްފިއެވެ. މާރކެލް ގޭގައި ކަރަންޓީނު ކޮށްފައިމިވަނީ މިދިޔަ ހުކުރު ދުވަހު އެކަމަނާއަށް ވެކްސިނެއް ދެއްވި ޑޮކްޓަރަކު ކޮވިޑް-19 އަށް ...

22 Mar 2020 | 22:51

ޖަރުމަނުވިލާތުގެ އެންމެ މަތީ ވެރިޔާ އެނގެލާ މާރކެލް ގޭގައި ކަރަންޓީނުކޮށްފިއެވެ.

މާރކެލް ގޭގައި ކަރަންޓީނު ކޮށްފައިމިވަނީ މިދިޔަ ހުކުރު ދުވަހު އެކަމަނާއަށް ވެކްސިނެއް ދެއްވި ޑޮކްޓަރަކު ކޮވިޑް-19 އަށް ފައްސި ވުމާއި ގުޅިގެނެވެ. އެކަމަނާގެ ސްޕޯކްސްޕާސަން ވިދާޅުވެފައިވާ ގޮތުގައި އެކަމަނާއަށް ހުކުރުދުވަހު ވެކްސިނެއް ދީފައިވަނީ ނިއުމޯނިޔާއިން ރައްކާތެރިވުމުގެ އެޅި ފިޔަވަޅެއްގެ ގޮތުގައެވެ. އެކަމަނާގެ ޑޮކްޓަރު ވައިރަހަށް ޕޮސިޓިވްވިކަން އެކަމަނާއަށް އަންގާފައިވަނީ ކޮވިޑް-19 ވައިރަހާއި ގުޅޭގޮތުން ބޭއްވި ނޫސް ކޮންފަރެންސެއް ނިންމާލިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. މާރކެލްގެ ސްޕޯކްސް ޕާސަން ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމަނާ ކޮވިޑް-19 ވައިރަހަށް ގަވާއިދުން ޓެސްޓުތައް ހައްދަވަމުން ގެންދާނެއެވެ.

މާރކެލް ކަރަންޓީނު ކުރިނަމަވެސް ގޭގައި ހުންނަވައިގެން ރަސްމީ ޒިންމާތައް އަދާކުރައްވަމުން ގެންދަވާނެކަމަށް އެކަމަނާގެ ސްޕޯކްސް ޕާސަން ވަނީ ވިދާޅުވެފައެވެ. ކަރަންޓީނުކުރުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސުގައި މާކެލް ވަނީ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން މީހުންނާއި 1.5 މީޓަރު (4.9 ފޫޓު) ދުރުގައި ތިބުމަށް އެދިލައްވާފައެވެ. އަދި މި ދަނޑިވަޅުގައި އެގައުމުގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުން ދާ އެއްބާރުލުމަށް ޝުކުރުވެސް އެކަމަނާ އަދާކޮށްފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 މިހާތަނަށް ޖަރުމަނުގެ 24،000 އަށްވުރެ ގިނަ މީހުނަށް ޖެހި 90 އަށް ވުރެ ގިނަމީހުން ވަނީ މަރުވެފައެވެ. ދުނިޔެއިން ޖުމްލަ 334،000 އަށްވުރެ ގިނަ މީހުނަށް މި ބަލި ޖެހިފައިވާއިރު މި ބަލީގައި 14،600 އަށް ވުރެ ގިނަމީހުންވަނީ މަރުވެފައެވެ. އަދި މިބަލިން 97،000 މީހުން ވަނީ ފަސޭހަވެފައެވެ.

ދިވެހިރާއްޖޭގައިވެސް 13 މީހެއްގެ ގައިން މިބަލި ފެނިފައިވާއިރު މީގެ ތެރެއިން ތިންމީހެއް ވަނީ މި ބަލިން ފަސޭހަވެފައެވެ. ދިވެހި ސަރުކާރުންވެސް ދަނީ މިގައުމުގައި މިބަލި ފެތުރަ ނުދިނުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް