ޕީޕީއެމް ޓިކެޓުގައި ކުރިޔަށް ލޯކަލްކައުންސިލްތަކުގެ އިންތިހާބުގެ ތ. ކަނޑުދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރާ ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލް ކުރީ ގޯސް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
ހަސަން މޫސާގެ ކެންޑިޑެސީ ބާތިލު ކުރީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އޭނާ އެ ދަރަންޏާ އެއްގޮތަށް ފައިސާ ނުދައްކާތީ އޭނާގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ އެވެ. އެގޮތަށް ނިންމީ، އޭނާގެ ކެންޑިޑެސީ ބަލައިގަތް ފަހުންނެވެ.
ހަސަން މޫސާގެ ކެންޑިޑެސީ ބާތިލުވުމުން، ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަ ކުރި އެމްޑީޕީގެ ކެންޑިޑޭޓު އޮޓަމެޓިކުން ހޮވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޮތީ ނިންމައިފަ އެވެ.
މިމައްސަލައިގަ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރީ އޭނާގެ ކެންޑިޑެސީ ބަލައިގަތް ކަން އެންގުމަށް ފަހު ކަމަށެވެ. އިންތިޚާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާއިރު، އެ މުއްދަތު ހަމަވުމަށް ފަހު މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް އަމިއްލައަށް ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.
ހުކުމުގައި ބުނީ އިލެކްޝަންސް ކޮމިޝަނުން މީހެއްގެ ކެންޑިޑެސީ ބަލައިގަތުމަށް ފަހު އެ ކޮމިޝަނަށް ފަހުން ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މީހެއްގެ ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށެވެ. އަދި ހަސަންގެ ކެންޑިޑެސީއާ މެދު ގޮތެއް ނިންމަން އެ ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުމުން އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކޮށްފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް