އައްޑޫ ސިޓީގައި އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް އިން ހިންގާ ފްލައިން ސްކޫލަށް ފިޔަވަޅު އަޅައި އެތަނުގައި ކިޔަވަމުންދާ ދަރިވަރުންނަށް އިހުމާލުވެފައިވާތީ އެ ދަރިވަރުންނަށް ބަދަލު ހޯދައިދިނުމަށް ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ދިރާސާކޮށްފައިވަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީންނެވެ. އެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސް ކޮށް އެ ރިޕޯޓުގައި ވާ ކަންކަން ސަރުކާރަށް ހުށަހެޅުމަށް ފާސްކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޭއޭއޭ އިން ކަންތައް ކުރަމުން އައި ގޮތުގެ ސަބަބުން ގިނަ އަދަދެއްގެ ދަރިވަރުންނަށް މާލީ އަދި ނަފްސާނީ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ދަރިވަރުންނާއި ބެލެނިވެރިން ކުރަމުން އައި އެއްވެސް ޝަކުވާއަކަށް އެ ކުންފުނިން އިޖާބަ ދީފައި ނުވާ ކަމަށް ރިޕޯޓްގައި ބުންޏެވެ.
އެ ރިޕޯޓުގައި ވަނީ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރަން ހުރަސް އެޅިފައި ވާތީ، ކިޔެވުން ފުރިހަމަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން މިހާރުން މިހާރަށް އެޅުމަށް އެދިފައި އެވެ. ދަރިވަރުންގެ ގެއްލިފައިވާ ހައްގުތަކާއި މާލީ ގެއްލުމުގެ ބަދަލު އޭއޭއޭ އިން ހޯދައިދިނުމަށް ގޮވާލާފައިވެ އެވެ.
އަދި ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވައި އެފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެފަދަ އެކަޑަމީތައް ހިންގަން ހުއްދަ ދިނުމުގެ ،ކުރިން ހަރުދަނާ ގަވައިދުތައް ހެދުމަށް ރިޕޯޓުގައި ހިމަނާފައިވެ އެ
ރިޕޯޓުން އެނގޭ ގޮތުގައި ދަރިވަރުންގެ ޝަކުވާ ތަކާ ގުޅިގެން އޭއޭއިން ދިފާއުގައި ދައްކާފައިވާ ގިނަ ވާހަކަތަކަކީ ދޮގު ވާހަކަަަތަކެކެވެ. އެ ކުންފުންޏާ ގުޅޭ ގޮތުން ދަރިވަރުން ކޮށްފައިވާ ގިނަ ޝަކުވާތަކަކީ ތެދު ކަން ކަން ވެސް ކޮމިޓީގެ ތަހުގީގަށް ވަނީ ހޯދިފަ އެވެ.
ކޮމިޓީއަށް ހޯދުނު ހޯދުންތަކުގެ ގޮތުގައި ރިޕޯޓްގައި އޮތް ފުރަތަމަ ކަމަކީ ފްލައިން ސްކޫލުން ގްރެޖުއޭޓްވި ދަރިވަރުންގެ އަދަދު އެކަށީގެންވާ ވަރަށް ވުރެ މާ މަދު ކަމެވެ. އެގޮތުން 2010 ވަނަ އަހަރު އެތަން ހިންގަން ފެށީއްސުރެ މިއަދާ ހަމަައަށް އެތަނުން އުފެއްދުނީ 142 ޕައިލޮޓުންނެވެ. އެއީ ދިވެހި 76 ދަރިވަރުންނާއި 66 ބިދޭސީ ދަރިވަރުންނެވެ.
ކޮމިޓީގެ ތަހުގީގަށް ސާބިތުވި އަނެއް ޝަކުވާ އަކީ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައި، އެކަމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގެއްލުންތައް ދަރިވަަރުންނާއި ބެލެނިވެރިންނަށް ވެފައިވާ ކަމާއި ދަރިވަރުންގެ އުމުރުން ދުވަސްތަކެއް ބޭކާރުވެފައިވާ ކަމެވެ. މަޖިލީހުން އެކަން ބެލުމުގެ ކުރިން އޭއޭއޭ އިން އަބަދުވެސް ބުނަމުން އައީ ގްރެޖުއޭޓްވުން ލަސްވީ ދަރިވަރުންގެ ސަބަބުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް