ކޯވިޑް-19 ވެކްސިން ޖެހުމުން ބައެއް ރެސްޓޯރެންޓުތަކުން ޑިސްކައުންޓް ދޭން ފަށައިފި އެވެ.
މާލޭގައި ވެކްސިން ޖެހުމުން ޑިިސްކައުންޓް ދޭ މަޝްހޫރު ކެފޭ، ރެސްޓޯރެންޓުތަކުގެ ތެރޭގައި ސީ ހައުސް، ޕިއްޒާ ބޯނާ އަދި ޕިއްޒާ ބޭ އާއި އިއްޔެ ކައިވެނި ޕާޓީއެއް ބާއްވައިގެން ޖޫރިމަނާ ކުރި ސޯލްޓް ރެސްޓޯރެންޓް ހިމެނެ އެވެ.
މީގެ ތެރެއިން ޕިއްޒާ ބޭއިން ޓުވިޓާގައި ބުނީ ވެކްސިން ޖެހުމަށް ފަހު ވެކްސިން ކާޑާއި އެކު ޕިއްޒާއަކަށް އޯޑަރު ކުރުމުން އިތުރު ޕިއްޒާއެއް ހިލޭ ލިބޭނެ ކަމަށެވެ. ޕިއްޒާ ބޯނާއިން ބުނީ ކާޑު ހިފައިގެން ދިޔުމުން ޓޭކްއަވޭ ޕިއްޒާއިން 10 ޕަސެންޓް ޑިސްކައުންޓް ލިބެ އެވެ.
https://twitter.com/PizzaBay_mv/status/1364151217748774912
އާންމުންގެ މެދުގައި މަގްބޫލު ސީ ހައުސް ކެފޭއިން ބުނީ ކޯވިޑް-19 ވެކްސިން ކާޑު ދެއްކުމުން ބުރާސްފަތި ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އެ ކެފޭއިން ދެނީ 15 ޕަސެންޓު ޑިސްކައުންޓެވެ.
ސޯލްޓް ރެސްޓޯރެންޓުން ޓުވިޓާގައި ބުނީ ވެކްސިނާއި ގުޅިގެން އެމީހުންގެ ޒިންމާތަކެއް ވާތީ އެ ޒިންމާ އަދާ ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަށް ފަހު އެ ރެސްޓޯރެންޓުން ޓޭކްއަވޭ އަދި ޑެލިވެރީ ކުރަން އޯޑަރު ކުރާ ތަކެތިން 10 ޕަސެންޓު ޑިސްކައުންޓް ލިބޭނެ ކަމަށް ބުނެ އެވެ.
https://twitter.com/SaltCnR/status/1364143474916749312
ކޯވިޑް-19 ވެކްސިން ދޭން ފެށީތާ މި ހަފްތާއަށް ތިން ހަފްތާވެފައިވާއިރު ވެކްސިން ޖަހާ މީހުންގެ އަދަދު ދަށްވަމުންދާތާ ތިން ދުވަސް ވެއްޖެ އެވެ. މިކަމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ވެކްސިން ޖެހުމަށް ރަހުމަތްތެރިންނާއި އާއިލާގެ މީހުންނަށް ބާރު އެޅުމަށް އިލްތިމާސް ކޮށްފައި އެވެ.
ކެފޭ ރެސްޓޯރެންޓް ތަކުން އިސްނަގައިގެން މިފަދަ ކަންކަން ކުރުމަކީ ރައްޔިތުންނަށް ކޯވިޑް-19 ވެކްސިން ޖެހުމަށް ބާރު އަޅައި ދެވޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ.
މިހާތަނަށް ރާއްޖޭގައި 80،000 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް