އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ "އަމާން ވެށި" ތަކަށް ބަދަލުކޮށްފައިވާ ދައުލަތުން ބަލަހައްޓާ ކުދިންގެ އަހުލާގީ މިންގަޑާއި ގުޅޭގޮތުން އެ ކުދިން ބަދަލުކޮށފައިވާ ރަށްތަކުގައި ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އެ ކުދިންގެ ދިފާއުގައި ޖެންޑާ މިނިސްޓްރީ ތެދުވެއްޖެ އެވެ.
ދައުލަތުން ބަލަހައްޓާ ހުރިހާ ކުޑަކުދިން މީގެ ކުރިން ބެލެހެއްޓީ ވިލިމާލޭ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭ ފިޔަވަތީގައި އެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހުކޮޅު އޭގެ ތެރެއިން ބައެއް ކުދިން ވަނީ ށ. ފުނަދޫ. ބ. އޭދަފުށި އަދި ފުވައްމުލަކު ސިޓީގައި ޖެންޑާ މިނިސްޓްރީން ގާއިމްކޮށްފައިވާ "އަމާން ވެށި" ތަކަށް ބަދަލުކޮށްފައި އެވެ.
އޭގެ ތެރެއިން އޭދަފުށީ ގައި ދައުލަތުން ބަލަހައްޓާ ބައެއް ކުދިންގެ އަހުލާގީ މިންގަޑާއި ގުޅޭގޮތުން ބައެއް ރައްޔިތުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އަދި ބައެއް އާންމުން އެ ރަށު އަމާން ވެށި ކައިރިއަށް އެއްވި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓިތައް ބުނެ އެވެ.
މި މައްސަލައިގަ މިއަދު ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޒަމާނުންސުރެ މާލެ ސަރަހައްދުގައި ދައުލަތުން ބަލަހައްޓަމުން ދިޔަ ކުދިން އަތޮޮޅު ތެރެއަށް ބަދަލު ކުރަން ނިންމީ އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމައުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ކަމަށެވެ. ޖެންޑާއިން ބުނީ މިފަދަ ކަމެއް ފުޅާކޮށް ކުރާއިރު ގޮންޖެހުންތައް ދެނެގަނެ ކަމާ ގުޅޭ ފަރާތްތަކާ އެކު އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ކުޑަކުދިންނަކީ ބޮޑެތި މީހުންނާ ހަވާލުކޮށްފައިވާ އަމާނާތައް ކަމަށެވެ. އެއާ އެކު ރާއްޖޭގެ ގާނޫނުއަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އެންމެހާ ހައްގުތަކެއް ކަށަވަރުކޮށްދޭން ބާރުއަޅާ ކަމަށް ވެސް ބުންޏެވެ. މިނިސްޓްރީން ބުނި ގޮތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފު ވާހަކަ ފެތުރުމާއި އެ ކުދިންނާ މެދު ހިތްހަމަނުޖެހޭ ޝުއޫރު ފާޅުކުރެވޭ ހާލަތްތައް އަންނަ ކަމަށެވެ.
އެފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދީގެެން މަސައްކަތްތަކެއް ކުރެވެމުންދާއިރު އެ ކުދިން މުޖުތަމައުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލުކުރަން ޖެހެ އެވެ. އަދި މިފަދަ ގޮންޖެހުންތައް ހައްލުކުރުމުގައި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމައުގެ ޒިންމާތަކެއް ވާކަން ފާހަގަ ކުރާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް