ޤުރުޢާނާ ގުޅުން ބަދަހިކުރާނީ ކިހިނެތް

މާތްވެގެންވާ ރަމަޟާން މަހުގައި ޤުރުއާން ބާވައިލައްވާފައިވާއިރު, މި މާތް މައްސަރު  އަޅުގަނޑުމެންނާއި ބައްދަލުވާން ދެން މާކަ ގިނަ ދުވަހެއް ނެތެވެ. އެހެންކަމުން މި ލިޔުމުގައި ހިމަނާލަނީ ޤުރުއާނާއި ތިބާއާ...

23 Feb 2021 | 08:31

މާތްވެގެންވާ ރަމަޟާން މަހުގައި ޤުރުއާން ބާވައިލައްވާފައިވާއިރު, މި މާތް މައްސަރު  އަޅުގަނޑުމެންނާއި ބައްދަލުވާން ދެން މާކަ ގިނަ ދުވަހެއް ނެތެވެ. އެހެންކަމުން މި ލިޔުމުގައި ހިމަނާލަނީ ޤުރުއާނާއި ތިބާއާއި ދޭތެރޭ ރަނގަޅު ގުޅުމެއް ބިނާ ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ޤުރުއާނުން މިންވަރެއް ހިތުދަސްކުރުމަށް މަސައްކަތްކުރާށެވެ.

ޤުރުއާނުން ކުޑަ މިންވަރެއް ނަމަވެސް ހިތުދަސްކުރުމަށް ޢަޒުމު ކަނޑައަޅާށެވެ. މަސައްކަތް ކުރާނީ އަޅުންނެވެ. އަދި ކާމިޔާބު ދެއްވުންއެދި ﷲ  ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި އެދި ދަންނަވާށެވެ. ނުވަތަ ޤުރުއާން ތަޖުވީދުން ކިޔަން ދަންނަ މުދައްރިސެއްގެ އެހީ ހޯދުމަކީ މިކަން އިތުރަށް ފަސޭހަވެގެންދާނެ ކަމެކެވެ. އެގޮތުން ކިތަންމެ ކުޑަ މިންވަރެއް ދަސްވިޔަސް ހިތްވަރު އެލުވާނުލާ ކުރިއަށް ދިޔުމަށް މަސައްކަތްކުރާށެވެ.

ކޮންމެ ދުވަހަކު ކިޔެވުމަށްޓަކައި ވަކި ޓާގެޓެއް ކަނޑައަޅާށެވެ.

ކޮންމެ ދުވަހަކުވެސް އަދި ކޮންމެ ރެޔަކުވެސް ޤުރުއާނުން ކިޔަވާނެ އެންމެ މަދު މިންވަރެއް ކަނޑައެޅުން މުހިންމެވެ. އެގޮތުން މިސާލަކަށް ކޮންމެ ދުވަހަކު ފަތިސް ނަމާދުގެ ފަހުން 5 ޞަފްޙާ ކިޔެވުމަށް ޓާގެޓެއް ކަނޑައެޅިދާނެއެވެ. ނުވަތަ ކޮންމެ ނަމާދެއްގެ ފަހުގައި ވަކި މިންވަރެއް ކިޔެވުމަށް ކަނޑައެޅިދާނެއެވެ. މީގެ އިތުރުންވެސް ވަޤުތު ވާވަރަކުންވެސް ކިޔެވިދާނެއެވެ. އަދި ރަމަޟާން މަހަށް ފަހުގައިވެސް މި އާދަ ކުރިއަށް ގެންދަން އަޒުމު ކަނޑައަޅާށެވެ. އޭރުން ޤުރުއާން ކިޔެވުން މަތީ ދެމިހުރުމަށް މަގުފަހިވެގެން ދާނެއެވެ.

ޤުރުއާނުގެ މާނަ ދެނެގަތުމަށް މަސައްކަތް ކުރާށެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ޢަރަބި ބަސް ދަންނަ މީހުންނެއް ނޫނެވެ. އެހެންކަމުން ޤުރުއާން ކިޔަވާއިރު އަޅުގަނޑުމެންނަށް ފަހުމް ވަނީ ވަރަށްވެސް މަދު މިންވަރެކެވެ. ނަމަވެސް ޤުރުއާނުގެ ތަރުޖަމާއެއް ހޯދައިގެން ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރެއް ކިޔާލެވިދާނެއެވެ. މީގެ އިތުރުންވެސް ތަރުޖަމާގައި ހުންނަ މަޢުލޫމާތަށްވުރެ އިތުރަށް އެނގެން ބޭނުންވާނަމަ, ޤުރުއާން ތަފްސީރު ފޮތެއްގެ އެހީވެސް ހޯދިދާނެއެވެ. އަދި އަވަދިނެތި އުޅުއްވާ ބޭފުޅުންނަށް ފަސޭހަ ގޮތެއްވެސް ހޯދިދާނެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ފޮތުން ކިޔަން ވަޤުތު ނުވާނަމަ ޤުރުޢާނުގެ ތަފްސީރުގެ އޯޑިއޯއެއްވެސް އަޑުއެހިދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް