ޓީއެމްއޭއިން އެތެރޭގެ އުދުހުންތައް ފަށަނީ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއޭމްއޭ) އިން އެތެރޭގެ އުދުހުތައް ފަށަން ތައްޔާރު ވެއްޖެ އެވެ. ޓީއެމްއޭއިން ބުނީ ސީޕްލޭން އޮޕަރޭޝަންސް ފުޅާ ކުރުމުގެ އިތުރުން ވީލް ބޭސްޑް އޮޕަރޭޝަންތައް ފެށުމަށް ނިންމ...

23 Feb 2021 | 08:24

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއޭމްއޭ) އިން އެތެރޭގެ އުދުހުތައް ފަށަން ތައްޔާރު ވެއްޖެ އެވެ.

ޓީއެމްއޭއިން ބުނީ ސީޕްލޭން އޮޕަރޭޝަންސް ފުޅާ ކުރުމުގެ އިތުރުން ވީލް ބޭސްޑް އޮޕަރޭޝަންތައް ފެށުމަށް ނިންމައި އޭޓީއާރު މަރުކާގެ މަތިންދާބޯޓެއް ގެނައުމަށްވެސް ނިންމާފައިވާ ކަމަށެވެ. އެ އޮޕަރޭޝަންތަކަށް އެ އެއާލައިނުގެ ބޭސްއެއްގެ ގޮތުގައި ޅ. މަޑިވަރު އެއާޕޯޓު ބޭނުން ކުރަން ނިންމާފައިވާއިރު، ވީލް ޕްލޭން ހެނގަރެއް އެ އެއާޕޯޓުގައި ގާއިމް ކުރާނެއެވެ.

މަޑިވަރު އެއާޕޯޓަކީ ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީކުރާ އެއާޕޯޓެކެވެ. އެ ކުންފުންޏަކީ ޓީއެމްއޭގެ އެއް ހިއްސާދާރެވެ.

ޓޫރިސްޓުންނަށް ރާއްޖޭގެ ގުދުރަތީ ރީތިކަން މަތިން ބަލާލުމަށް އޮތް އެންމެ އެކަށޭނަ، އަދި ފުރިހަމަ ގޮތަކީ ސީޕްލޭން ދަތުރުތަކެވެ. އެކަމަކު ވީލް ބޭސްޑް އޮޕަރޭޝަންސް ފަށަން ނިންމީ އެ އެއާލައިނުގެ އޮޕަރޭޝަންތައް 24 ގަޑިއިރު ބޭއްވުުމަށް ކަމަށް ޓީއެމްއޭ އިން ބުުނެ އެވެ.

ސީޕްލޭން ދަތުރުތައް ރޭގަނޑު ނުބޭއްވޭއިރު، އޭޓީއާރު މަރުކާގެ ބޯޓާއެކު، ރިސޯޓު ޓްރާންސްފާތައް 24 ގަޑިއިރު ކުރިއަށް ގެންދެވޭނެ ކަމަށް ޓީއެމްއޭ އިން ވަނީ ބުނެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގެ ފްލީޓުގައި މިހާރު 56 ސީޕްލޭން އެބަ އޮތެވެ. މިއަހަރުގެ ތިންވަނަ ކުއާޓަރާއި ހަމައަށް އިތުރު ހަތަރު ބޯޓު ގެނެސް މި އަދަދު 60 އަށް އިތުރު ކުރަން ޓީއެމްއޭއިން ވަނީ ނިންމައިފައެވެ.

ޓީއެމްއޭ އިން ރާއްޖޭގައި އޮޕަރޭޓު ކުރާތާ 30 އަހަރު ވެފައިވާއިރު އެ އެއާލައިނުން އެންމެ ފުރަތަމަ އޮޕަރޭޝަންތައް ފެށީ 1989 ވަނަ އަހަރު "ހަމިންބާޑް އައިލެންޑް ހެލިކޮޕްޓާސް" ގެ ނަމުގައި ހެލިކޮޕްޓަރ ފްލީޓަކާ އެކުއެވެ. އޭގެ ފަހުން ހަމިން ބާޑް އައިލެންޑް އެއާވޭސް އަށް ނަން ބަދަލު ކުރިއެވެ. 1997 ވަނަ އަހަރުން ފެށިގެން ސީޕްލޭންގެ އޮޕަރޭޝަންސް ފަށައި ރާއްޖެ އަންނަ ޓޫރިސްޓުން ރިސޯޓުތަކަށް އުފުލުމުގައި އެންމެ ފުޅާ އޮޕަރޭޝަން ކުރިއަށް ގެންދާ އެއާލައިނަކަށް ޓީއެމްއޭ ވަނީ ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް