ވެކްސިން ޖަހަންދާ މީހުންގެ އަދަދު ދަށަށް، ވެކްސިން ޖަހަން ދާން ހިތްވަރުދީ: އެޗްޕީއޭ

ކޯވިޑް-19 ވެކްސިން ޖަހަން ފެށިތާ ތިން ހަފްތާ ވީއިރު ވެކްސިން ޖަހާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް ދާން ފަށައިފި އެވެ. އެޗްޕީއޭއިން މިއަދު ބުނީ މާލެ ސަރަހައްދުގައި އުމުރުން 30 އަހަ...

23 Feb 2021 | 07:11

ކޯވިޑް-19 ވެކްސިން ޖަހަން ފެށިތާ ތިން ހަފްތާ ވީއިރު ވެކްސިން ޖަހާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް ދާން ފަށައިފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ މާލެ ސަރަހައްދުގައި އުމުރުން 30 އަހަރުން މަތީގައި މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ވެކްސިން ޖަހަންދާ މީހުންގެ އަދަދު ދަށްކަމުން ވެކްސިން ނުޖަހާ މީހުންނަށް ވެކްސިން ޖަހާފައިވާ ރަހުމަތްތެރިންނާއި އާއިލާ މީހުން ބާރު އެޅުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އަދި ހައި ރިސްކު ކެޓަގަރީގެ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހޭނެ އެވެ. ހައި ރިސްކު ކެޓަގަރީއަކީ ދިގު މުއްދަތަކަށް ބޭސްކާންޖެހޭ ބަލިތައް ޖެހިފައިވާ މީހުންނެވެ.

މިހާރު ވެކްސިން ޖަހަން ހުޅުވާލާފައިވާ އުމުރުފުރާތަކަށް ބަލާއިރު ވެކްސިން ޖަހަން ގިނައިން މީހުން ގިނައިން ދަނީ ބުރާސްފަތި ދުވަހު ކަމަށްވެ އެވެ. އެއީ ވެކްސިން ޖެހުމުން ދިމަވާ ބައެއް މައްސަލަތަކާއި ގުޅިގެން ގޭގައި މަޑު ކުރަން ޖެހޭތީ އޮފީސް މަސައްކަތަށް ބުރޫއަރާތީ އެވެ.

ކޯވިޑް-19 ވެކްސިން ޖެހުމުން މީހުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި މާބޮޑު ސިއްހީ މައްސަލަތަކެއް ނެތެވެ. އާންމުންކޮށް ރާއްޖޭގައި ވެކްސިން ޖެހި މީހުންނަށް ކުރިމަތިވީ ބޮލުގަ ރިހުމާއި، ހުން އައުން އަދި ގައިގަ ރިއްސުމުގެ އިތުރުން ފައި ދުޅަވެ ރިއްސުންފަދަ މައްސަލަ ތަކެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ތިން ދުވަހު މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައި އެވެ. އެގޮތުން އިއްޔެ މާލެ ސަރަހައްދުން 3،054 މީހުން ވެކްސިން ޖެހި އިރު އޭގެ ކުރީ ދުވަހު ވެކްސިން ޖަހާފައިވަނީ 3،310 މީހުންނެވެ. އަދި އޭގެ ކުރީ ދުވަހު ޖަހާފައިވަނީ 3،755 މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް 80،159 މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ. އެއީ މާލެ ސަރަހައްދުން ޖުމްލަ 59،077 އަތޮޅު ތެރެއިން 19،623 އަދި ރިސޯޓްތަކުން 1،459 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް