ސިލްސިލާ ވާހަކަ: ޒާރާ - ހަތްދިހަ ފަސްވަނަބައި

އިމްރާނުގެ އެއްވެސް ޖަވާބެއް ނައެވެ. ހަމަހިމޭން ވަގުތުކޮޅެއް ފާއިތުވަމުން ދިޔައެވެ. ޒާރާ ކަންފަތުން ފޯނު ނައްޓާލަމުން ފޯނަށް ބަލާލިއެވެ. ފޯނު ކެނޑުނުތާ ކިތަންމެ އިރެކެވެ. އިމްރާން ހިތްހަމަ ނުޖެހުނީ ބާ...

23 Feb 2021 | 02:01

އިމްރާނުގެ އެއްވެސް ޖަވާބެއް ނައެވެ. ހަމަހިމޭން ވަގުތުކޮޅެއް ފާއިތުވަމުން ދިޔައެވެ. ޒާރާ ކަންފަތުން ފޯނު ނައްޓާލަމުން ފޯނަށް ބަލާލިއެވެ. ފޯނު ކެނޑުނުތާ ކިތަންމެ އިރެކެވެ. އިމްރާން ހިތްހަމަ ނުޖެހުނީ ބާވައެވެ. އެހެންނޫނީ ނެޓްވޯކް ކެނޑުނީ ބާވައެވެ. ޒާރާ ވިސްނާލިއެވެ. އެނދުމަތީގައި ފޯނު ބޭއްވިވަގުތު ކަނައަތުގެ ކަށި އިނގިލީގައި އޮތް ޑައިމަންޑް އަނގޮޓި ޒާރާގެ ލޮލުގައި އަޅައިގަތެވެ. އެއީ ޒާރާގެ އަނގޮޓިއެއް ނޫނެވެ. މީގެ ކުރިން ދެކިފައިވާ އަނގޮޓިއެއްވެސް ނޫނެވެ. މަޑުމަޑުން އަނގޮޓީގައި އަތް ކާއްތާލެވުނެވެ.

އެވަގުތު ޒާރާގެ ހަނދާނަން އައީ ހެދުނު ހޭލެވުނު އިރު އޭނާ އޮތް ގޮތެވެ. އެނދާއި ބެޑްޝީޓް ހޭވި ބާލީސްތައް ބޮޑިވެފައިވާ ގޮތެވެ. އޭނާގެ ނިދާހެދުން ބިންމަތީގައި ގުޅަޔަކަށް އޮތްމަންޒަރެވެ.

ހިތުގައިވަނީ ނޭނގޭ ބިރުވެރިކަމެއް އުފެދިފައެވެ. އޭނާގެ ސިކުޑި ހާސްވަނީއެވެ. ބޮލުގައިވެސް ރިއްސަނީއެވެ. ފާހާނާއާ ދިމާއަށް ހިނގައިގަތެވެ. ދެލޯ މަރާލައިގެން ފެންމާގަނޑު ދަށުގައި ހުއްޓުމަށްފަހު އިސްކުރު ދޫކޮއްލިއެވެ.  ފިނިފިނި ފެންތިކިތައް ފެން މާގަނޑުން އޮހިގަތެވެ. މާގަނޑުން ފައިބައިގެން އަންނަ ފިނިފިނި ފެންތިކިތައް ހަށިގަނޑު ތެންމަމުން ދިޔަ ނަމަވެސް، އެ ފިނިކަމަކުން ޒާރާގެ ސިނކުޑީގައިވާ އުދާސް ތަކަކަށް ލުޔެއް ނުލިބުނެވެ.

ލޯ މަރާލައިގެން ހުރި ޒާރާގެ ސިނކުޑި ވަނީ ފުރިފައެވެ. ރޭގައި ފެނުނު ހުވަފެން ޒާރާގެ ހަނދާނަށް އައެވެ. ސިނކުޑިއަށް ބާރުލާފައި ވިސްނާލުމުން، ހުވަފެނުގައި އިމްރާންއާއެކު ހޭދަކުރެވުނު ވަގުތުތައް މަޑުމަޑުން ހަނދާންވާން ފެށިއެވެ. ހުރިހާކަމެއް އެންމެ ރަނގަޅަށް ހަނދާން ނުވިނަމަވެސް ހުވަފެނުގައި ފެނުނު ބައެއް ކަންކަން ޒާރާ ހަނދާނަށް އައެވެ.

އަތުގައި އޮތް އަނގޮޓިގައި އަތް ކާއްތާލުމާއެކު ޒާރާއަށް ތެޅިގަނެވުނެވެ. ޒާރާގެ އިނގިލީގައި އެ އަގޮޓި އެޅުވީ އާދިލް ބާވައެވެ. ރޭގައި ފެނުނީ ހުވަފެނެއް ނޫނެވެ. ޒާރާގެ އިނގިލީގައިވާ އަނގޮޓިއަކީ އެކަމުގެ އަލިގަދަ ހެއްކެކެވެ.  އާނއެކެވެ. ކޮންމެވެސް މީހަކު ޒާރާގެ ކޮޓަރިއަށް ރޭގައި ވަނީއެވެ. އަދި އެމީހަކު ނިކުމެގެން ދަމުން ދިޔައީ ކޮޓަރި ތަޅުލާފައެވެ. މައިދައިތައަށް ނުވަދެވުނު ސަބަބަކީ އެއީއެވެ.

އެއީ އާދިލް އެވެ. ޒާރާއަށް ހިތުގެ އަޑިން ގަބޫލުކުރެވުނީ އެމީހަކީ އާދިލް ކަމުގައެވެ. އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ. ޒާރާގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު އާދިލް ދީފައިވަނީ ސީދާ ޒާރާގެ ކުރިމަތީގައި ހުރެގެނެވެ. އެ ބިރުވެރި ރެއަށް ފަހު އާދިލްގެ އެއްވެސް އުނދަގުލެއް ޒާރާއަށް ކުރިމަތި ނުވި ނަމަވެސް އާދިލް އަކީ އެހާ ފަސޭހައިން 'ބަލި' ގަބޫލު ކުރާނެ މީހެއް ނޫންކަން ޒާރާއަށް އެނގެއެވެ.

ޒާރާ ލޯ ހުޅުވާލިއެވެ. އިނގިލީގައިވާ އަނގޮޓި އިގިލިން ނެގުމަށްފަހު ހޫރާލެވުނީ އައި ރުޅިއެއްގެ ސަބަބުންނެވެ. އަނގޮޓި ދިޔަ ދިމާލެއްވެސް ޒާރާއަކަށް ނޭނގުނެވެ. އެ ދިޔަތަނެއް ބަލާކަށް ޒާރާ ބޭނުމެއްވެސް ނޫނެވެ.

ތުވާލިން ހަށިގަނޑު ނިވާކޮއްލުމަށްފަހު ޒާރާ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލެވުމާއެކު ޒާރާއަށް ފަހަތަށް ޖެހިލެވުނެވެ. ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ. ހުވަފެނުގައި ހިނގި ހުރިހާ ކަމެއް އެއީ ހަގީގަތުގައި ހިނގިކަމެއްކަމަށް ހެކިލިބޭ ކިތަންމެ ކަމެއް ޒާރާގެ ހަށިގަނޑުންވެސް ފެންނަން އެބަހުއްޓެވެ. ކަރުދަށާ މޭމަތިން ފެންނަންހުރި ރަތްކުލައިގެ ނިޝާން ތަކުގައި ޒާރާއަށް އަތް ކާއްތާލެވުނެވެ.

ޒާރާގެ ހަށިގަނޑަކީ މީގެކުރިން ތޯހިރު ހަށިގަޑެއް ނަމަވެސް  އޭނާގެ ހަށިގަނޑުގެ އެއްވެސް އަގެއް މިހާރަކު ނެތެވެ. އެ ހަށިގަނޑުވަނީ ރަހުމުކުޑަ އިންސާނެއްގެ ޝިކާރައަކަށް ވެފައެވެ. އާނއެކެވެ. ޒާރާއަށް ދެކެން މަޖުބޫރުވެފައި އެވަނީ ދުވަހަކުވެސް އޭނާއަށް ކުރިމަތިލާން ޖެހިދާނެކަމަށް ހީވެސް ނުކުރާ ދުވަހަކާއެވެ.

ޒާރާއަށް ރޮއި ގަނެވުނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނައިގެ ތެރެއިން އޭނާގެ އަމިއްލަ ސޫރައަށް ބަލަން ހުރި އިރު އެ މޫނުގައި އެއްވެސް ދިރުމެއް ނެތެވެ.

އަމިއްލަ ނަފުސުދެކެ ރުޅި އާދެވުނެވެ. ހަށިގަނޑުގައި އޮޅާލާފައިވާ ތުވާލި ނައްޓުވާލުމަށްފަހު އެނބުރި ދުއްވައިގަނެވުނީ ފެން މާގަނޑާ ދިމާއަށެވެ. ދޫކުރެވޭ އެންމެ ބޮޑަކަށް އޭނާ ފެން މާނގަނޑު ދޫކޮއްފިއެވެ. ލޮލުން ފައިބަމުން ދާ ކަރުނަތައް ފެނާއެކުވެ އޮހެމުން ދިޔައެވެ. ހަށިގަނޑުގައި ހުރި ނިޝާންތައް ފިލުވާލަން ޒާރާ ބޭނުމެވެ. ހަންގަނޑު ރަތްވާވަރަށް ބާރުލާފައި އޭނާ އުނގުޅިއެވެ. އޭނާއަށް ތަދު އިހްސާސް ވާވަރަށެވެ. އެތައް އިރަކު އެތަނުގައި ޒާރާ ހުރުމަށްފަހު އަލުން ލޯގަނޑު ކުރިމައްޗަށް ދިޔައެވެ. ހަމަ އެ ނިޝާންތައް ހުރިގޮތައް ހުއްޓެވެ. އިތުރަށް ވީ ގޯހެވެ. އެ ރީތި ދޮން ހަންގަނޑު ރަތްވެ ދިލަ ނަގަމުން ދިޔައެވެ. އެހެންނަމަވެސް ޒާރާއަށް އެ ދިލައިގެ އިހްސާސް ވާހެނެއް ހިޔެއް ނުވެއެވެ.

އުންމީދު ގެއްލި މާޔޫސް ވެފައިވާ މޫނަކާއެކު ފާހާނާއިން ޒާރާ ނިކުތެވެ. ހެދުން އަލަމާރި ހުޅުވާލުމަށްފަހު އަތްދިގު ކުރުތާއަކާ ހަރުވާޅެއް ނެގިއެވެ. މިއަދު ޒާރާ ބޭނުމީ ހަށިގަނޑު އެއްކޮއް ފޮރުވައިގެން ހުންނާށެވެ.

ފެންތިކި ޖަހަމުން ދިޔަ ފަން އިސްތަށިގަނޑު މައްޗައްނަގާ ގޮށެއް ޖަހާލިއެވެ. އެ އިސްތަށިގަޑު ހިއްކާކަށްވެސް މިއަދު ޒާރާ ބޭނުމެއް ނޫނެވެ.

ތަރުތީބު ގެއްލިފައިވާ ޒާރާގެ ނިދާ އެނދުކައިރިއަށް ޖެހިލުމަށްފަހު ފަހު ހާވާލެވިފައިވާ ބާލީސްތައް ފަހަރަކު ބާލީހެއް ރީތިކޮއްލަމުން އެއްފަރާތް ކޮއްލިއެވެ. ރޫޖެހިފައިވާ ބެޑްޝީޓަށް ދަމާ ވާން ކޮއްލިއެވެ. އެވަގުތު ޒާރާގެ ލޮލުގައި އަޅައިގަތީ ބެޑްޝީޓްމަތީ އޮތް އަތުކުރީ ގަޑިއެކެވެ. ޒާރާގެ މޭގަނޑު ތެޅިގަތީ އަމަށަކު ވަރަކަށް ނޫނެވެ.

ގަޑި ނަގާ ބަލާލިއެވެ. އެއީ މޫނުމަތި ބޮޑު ފިރިހެން ގަޑިއެކެވެ. ކޮންމެވެސް ތާކުން ޒާރާއަށް އެގަޑި ވަނީ ފެނިފައެވެ. ކޮންތާކުން ބާވައެވެ. ކާކުގެ ގަޑިއެއް ބާވައެވެ. ޒާރާ ހަނދާންކުރަން މަސައްކަތް ކުރިއެވެ.

''ދަރިފުޅާ...........ނުނިމޭތަ............'' ބޭރުން ސަރީފާގެ އަޑު ޒާރާއަށް އިވުނެވެ. އަތްތިލަ މަތީގައި ބާއްވާލާފައި އޮތް ގަޑި އަވަސްއަވަހަށް ހެޑްބޯޑްގެ ވަތްގަނޑެއްގެ ތެރެއަށް ލުމަށްފަހު ޒާރާ ބުރުގާ ބޮލުން ވައްޓާލިއެވެ. އަދި ދޮރާ ދިމާއަށް ހިނގައިގަތެވެ.

''މަންމަގެ ފޯނު ބާއްވާފަ ދެވުނީމަ މިއައީ........ '' ޒާރާ ދޮރު ހުޅުވާލުމުން  ސަރީފާ އެތެރެއަށް ވަނެވެ.

''ކޮބާ ޒިލީ.............'' ޒާރާ ހައިރާންވީ ސަރީފާ އެކަނި ހުރިތަން ފެނުނީމައެވެ. ޒިލީ އެކަނި އެއްވެސްތަނެއްގައި ބާއްވާކަސް ޒާރާގެ ހިތެއް ނުރުހެއެވެ. އަދި އަމުދުން ނުފެންނަ ހިސާބު އޭނާގެ ދަރިފުޅު އޮތުމަކީ އޭނާއަށް ކެތް ކުރެވޭނެ ކަމެއް ނޫނެވެ.

''ޒިލީ ވީ އެމަންޖެ ބޮޑުބޭބެ ގާތުގަ............. މަންމަ ބައިގަ.......... ނިކަން މަޖާއެބަހުރި.......... ޒިލީ ވަރަށް ގަޔާވެފަ އިނީ..................'' ސަރީފާގެ މޫނުމަތިން ހާސްކަމެއް ކަންބޮޑުވުމެއް ނުފެނެއެވެ.

ޒިލީގެ ބޮޑުބޭބެއަކީ ކާކުބާވައެވެ. ޒާރާއަކަށް ނޭނގުނެވެ. އެކަމަކު އެސުވާލު ކުރާކަށްވެސް އޭނާއަކަށް ނުކެރުނެވެ. ފަހަރެއްގައިވެސް މައިދައިތަ ހިތްހަމަ ނުޖެހިދާނެތީއެވެ. ކޮންމެ ގޮތެއް ވިޔަސް އެވާނީ އިމްރާންގެ އާއިލާ މީހަކަށް ކަން ޒާރާއަށް ޔަގީންވެއެވެ.

ސަރީފާއާއެކު ޒާރާވެސް ތިރިޔަށް ދިޔައެވެ. ސިޓިންރޫމަށް ވަދެގެން ދިޔާ ޒާރާއަށް ޒިލީ ފެނުނެވެ. ދޮރާ ދިމާއަށް ފުރަގަސް ދީގެން އިން ފަހުދުގެ އުނގުގައި އިނދެގެން ނިކަން މަޖާވެފައި ޒިލީ ހެނީއެވެ.

''ބަލާބަލަ ދަރިފުޅާ ޒާރާ......... މާމަގެ ފުއްގަނޑު މިއަދު މިއުޅެނީ ބޮޑުބޭބެ ފެނިގެން ދޯ........... މަންމަ މަތިންވެސް ހަނދާން ނެތިއްޖެ ދޯ ދަރިފުޅާ..................'' ފަހުދުގެ އުނގުތެރޭގައި އިން ތުއްތު ޒާރާގެ ބޮލުގައި ފިރުމާލަމުން ސަރީފާ ހިނިތުންވެލިއެވެ.

ސަރީފާގެ ފަހަތުން ވަދެގެން އައި ޒާރާއަށް ފަހުދާ ދިމާއަށް ބަލާލެވުނު ވަގުތަކީ ފަހުދުވެސް ޒާރާގެ ނަން އިވިފައި ފަހަތް ބަލާލި ވަގުތެވެ. ފަހުދާ ހަރަތުކަޅި ހަމަވި ވަގުތު ޒާރާގެ ފައިގައި ކަސްތަޅު  އެޅުނު ކަހަލައެވެ. ކުއްލިއަކަށް ޒާރާގެ ހަނދާނަށް އައީ މީގެ ކުޑަ ހިނދުކޮޅެއް ކުރިން އޭނާގެ އެނދުމަތިން ފެނުނު އަތުކުރީ ގަޑިއެވެ. އެ ގަޑިއަކީ ފަހުދުގެ ގަޑިއެކެވެ. މިހާރު ހަމަ ރަނގަޅަށްވެސް ޒާރާ ހަނދާން ވެއްޖެއެވެ.

''ފަހަރީ...........ހަމަ ފަހަރި ދެކިލާހިތުން މިއައީ........... ބެންކޮކްގަ ހުރެފަ......... އަދިވެސް ނުބުނާނެ ރަނގަޅެކޭ...... ދޯ ބޯއްތާ.............'' ފަހުދު ޒާރާއާ ދިމާއަށް އެއްލޯ މަރާލިއެވެ. ސަރީފާ ހިނިތުންވެލިއެވެ. ފަހުދުގެ މިޒާޖު ސަރީފާއަށް ރަނގަޅަށް އެނގެއެވެ.

''އާދޭ ދަރިފުޅާ ސައިބޯން........... ފަހުދުވެސް އަދި ސައި ނުބޮއި އޭނދީ........... އާދޭ ދެކުދިން.......... މާމަގެ ފުއްގަނޑު ނެގޭ މާމަ އުރާލަން...............'' ތަށިތަކަށް ޖޫސް އަޅާ ދިނުމަށްފަހު ސަރީފާ ފަހުދު ގާތަށް ޖެހިލާ ޒިލީ އުރާލިއެވެ.

---------------------------------------------------------------------------

ނުނިމޭ.... ވާހަކައިގެ އާބައެއް، އިންޝާﷲ، 25 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް