ހއ. އިހަވަންދޫ އާއި ހޯރަފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ ދެ ބްރާންޗު މިއަދު ހުޅުވައިފި އެވެ.
މި ދެ ބްރާންޗަކީ އެ ބޭންކުން މިހާރު ކުރިޔަށް ގެންދާ "އަހަރެންގެ ބޭންކު ދިވެހިންގެ ބޭންކު" މި ކެމްޕެއިންގެ ދަށުން ހުޅުވި ދެ ބްރާންޗެވެ.
ބީއެމްއެލްއިން ބުނީ އެ ދެ ބްރާންޗުގައި ފައިސާ ނެގުމާއި ޖަމާ ކުރެވޭ އޭޓީއެމް ހުންނާނެ ކަމަށެވެ. އަދި އެކައުންޓް ހުޅުވުމާއި، ލޯނު ދޫކުރުމާއި އަދި ކާޑުގެ ހިދުމަތްތައް ފޯރުކޮށްދޭ މުވައްޒަފުން ވެސް ރަސްމީ ގަޑިތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ މިއަދު ވިދާޅުވީ، ހުޅުވިގެން ދިޔަ ދެ ބްރާންޗާ އެކު ހޯރަފުއްޓާއި އިހަވަންދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށާއި ރަށުގެ އިގްތިސާދަށް ރަނގަޅު ފައިދާތަކެއް ކުރުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ. މިއީ އަތޮޅު ތެރެއަށް ބީއެމްއެލް އިން ކުރާ އިންވެސްޓްމަންޓްގެ އަދަދު އިތުރުކޮށް، ވަޒީފާ އިތުރުކުރަން ހިންގާ ޕްރޮގްރާމްގެ ދަށުން ހުޅުވި ބްރާންޗެއް ކަމަށް ހިލީ ވިދާޅުވި އެވެ.
މި ދެ ރަށުގައި ހުޅުވި ބީއެމްއެލްގެ ބްރާންޗުތަކާއި އެކު މިހާރު އެ ބޭންކުގެ 33 ބްރާންޗެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް