ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ނިންމުމުގެ ޖަލްސާ އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފި އެވެ.
އެމަނިކުފާނުގެ ކެމްޕެއިން ޓީމުން މިއަދު ބުނީ އެ ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ހިތަދޫ ސިޓީ ބާޒާރު ސަރަހައްދުގައި ކަމަށެވެ. މި ދަތުރުވެގެން ދާނީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެންނަވާ ދެ ވަނަ ދަތުރަށެވެ.
އެމަނިކުފާނު ވަނީ މި މަހުގެ 13 އިން 15 އަށް ވެސް އައްޑު އަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ.
ޕްރައިމަރީގެ ކެމްޕެއިންގައި ވަރުބަލި ކަމެއް ނެތި ރައީސް ސޯލިހު ގެންދަވަނީ ރަށްތަކަށް ވަޑައިގެންނަވަމުންނެވެ. އެގޮތުން މިއަދު މާލެ އަތޮޅުގެ ދެ ރަށް ކަމަށްވާ ގުރައިދޫ އާއި ކާށިދޫއަސް ވަޑައިގެންނެވި އެވެ. އަދި މިއަދު ެެ. ތޮއްޑޫއަށް ވަޑައިގެންނަވާނެ އެވެ.
ކެމްޕެއިން ޓީމުން މައުލޫމާތު ދޭގޮތުގައި މާދަމާ ރައީސް ސޯލިހު ވަޑައިގެންނަވާނީ އދ. ގެ ރަށްތަކަށެވެ.
އެމަނުކުފާނާއި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ފޯރި ގަދަ ކެމްޕެއިން ހަރަކާތްތަކެއް ބާއްވަމުންނެވެ. އަދި އެމަނިކުފާނުވެސް ގެންދަވަނި ރާއްޖޭގެ އެކި އަތޮޅުތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް