ހުޅުމާލޭގައި ހުޅުވާ ސަރުކާރު އޮފީސް އިމާރާތުގެ ނަމަކީ "އުމަރު ޒާހިރު އޮފީސް"

ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ ސަރުކާރު އޮފީސް އިމާރާތަށް "އުމަރު ޒާހިރު އޮފީސް" ގެ ނަން ދީފި އެވެ. މި އިމާރާތް ހުންނަނީ ހުޅުމާލޭ ފޭސް އެކެއްގެ ޓްރީ ޓޮޕް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި އެވ...

23 Jan 2023 | 10:33

ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ ސަރުކާރު އޮފީސް އިމާރާތަށް "އުމަރު ޒާހިރު އޮފީސް" ގެ ނަން ދީފި އެވެ.

މި އިމާރާތް ހުންނަނީ ހުޅުމާލޭ ފޭސް އެކެއްގެ ޓްރީ ޓޮޕް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި އެވެ.

އަލްމަރުހޫމް އުމަރު ޒާހިރަކީ އެ އިމާރާތް ހުރި ހުޅުމާލެ ހިއްކާ މީހުން އާބާދު ކުރުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހި ދައުލަތަށް50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އުމަރު ޒާހިރު ވަނީ ރަށްރަށުގެ ބަނދަރުތައް ތަރައްޤީކުރުމާއި، މުޅި ރާއްޖޭގައި ކުޅިވަރު ރޫޙާއި ޖޯޝާއި ފޯރި ގަދަކުރެއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައި އެވެ.

މާލެ ސަރަހައްދުގެ ތަރައްގީއަށް ކުރެއްވި މަސައްކަތްތަކަށް ބަލާއިރު އުމަރު ޒާހިރުގެ މިނިސްޓަރު ކަމުގައި މާލޭގެ މަގު ހެދުމުގެ މަޝްރޫޢާއި، މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫޢާއި، ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއި، ކުނި ނައްތާލުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔަ އެވެ. އަދި ތިލަފުށި ހިއްކުމާއި، އެކަމާގުޅޭ އެންމެހާ މަސައްކަތްތަކަކީ ސީދާ ޢުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ.

ޢުމަރު ޒާހިރު ވަނީ 1953އިން 2008އާއި ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަގާމެއް އަދާ ކުރައްވާފައި އެވެ. އެމނަިކުފާނު އަވަހާރަވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް ތަރައްގީކުރުމަށް މި ސަރުކާރުން ނިންމެވީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށްގެން އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން ހިންގަންޖެހޭތީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙުރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް 2019 ވަނަ އަހަރު ނިންމެވި ނިންމެވުމާއި ގުޅިގެންނެވެ.

ހަ ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި އޮފީސް އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ހުނާން އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑުންނެވެ.

މި އިމާރާތުގައި ހިންގާ ސަރުކާރު އޮފީސްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އެމެރިކަން އެމްބަސީ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެވެ. ދެން ހުންނަނީ ކުދި މީޓިންގ ރޫމްތަކާއި ސެމިނާ ރޫމްއެއް އަދި ޓެރަސްއެކެވެ.

މި އިމާރާތް ހުޅުވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ އަންނަ މަހުގެ15 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް