ބ. ތުޅާދޫއަށް ވަޑައިގެންނެވުމުން އެ ދާއިރާގެ މެމްބަރު ހިސާން ހުސައިންއަށް ހުރަސް އެޅީ ޕީޕީއެމްގެ ބަޔަކު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ އާއި ފޮޓޯތަކުން ފެންނަނީ ގިނަ އަދަދެއްގެ ފިރިހެނުންތަކެއް ހިސާން ވަށާލައިގެން ތިބި އިރު ބަޔަކު ހަޅޭއްލަވަމުން ބާރަށް ހިނގާތަނެވެ. އަދި ހިސާންއަށް ފުލުހުން ހިމާޔަތް ދެމުންދިޔަކަން ފާހަގަވެ އެވެ.
މިކަމާއި ގުޅިގެން މިއަދު މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ އެ ފެނުނީ ރައްޔިތުން ހޮވާފަ، ރައްޔިތުންގެ ގައިގަ ކޮޅުފައިން ޖެހީމަ ވާނެ ގޮތް ކަމަށެވެ. އަދި ވީޑިއޯ އާއި ހިސާންގެ ފޮޓޯ ހިއްސާ ކުރައްވާފައިވެ އެވެ.
މި ޓުވީޓަށް ރައްދު ދެއްވައި ހިސާން ވިދާޅުވީ އެމްޑީޕީގެ ކުއްޖަކު އެތާ ނެތް ކަމަށާއި ޕީޕީއެމް މީހުން ގޮވީ ރައީސް މުހައްމަދު ނަޝީދަށް އަޅުގަނޑު ސަޕޯޓް ނުކުރާ ވާހަކަ ކަމަށެވެ. ހިސާން ވިދާޅުވީ އެ ތަނުގައި ހަޅޭއްލެވީ ޕީޕީއެމްގެ 10 ވަރަކަށް މީހުން ކަމަށެވެ.
ދެން އެތާ ތިބީ އޭނާގެ ޓީމުގެ މެމްބަރުން ކަމަށާއި މިއީ އެމްޑީޕީގެ އެންމެން ވެސް ވިސްނާލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
https://twitter.com/hisaanhussain/status/1617389036905320450
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހިސާން ތާއީދު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ކުރީގައި ވަރަށް ހަރަކާތްތެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދުކޮށް، އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އުޅުއްވި ހިސާން، ނަޝީދަށް ތާއީދު ނުކުރައްވާތީ ގިނަ ބަޔަކު ފާޑުކިޔަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް