ގެސްޓު ހައުސް ވިޔަފާރި ފެށުމަށް މަޖިލީހުން ފާސް ކުރީ ނަޝީދުގެ ވެރިކަމުގެ ކުރިން: ރައީސް

ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ގަރާރަކުން ފާސް ކުރީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ކުރިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞ...

23 Jan 2023 | 07:24

ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ގަރާރަކުން ފާސް ކުރީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ކުރިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މިއަދު ކ. ގުރައިދުއަށް ވަޑައިގެން، ޕާޓީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން ގުރައިދޫގެ އެމްޑީޕީ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ތަރައްޤީވަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ފެށުން އައީ ކުރީގެ ރައީސް ނަޝީދު ވެރިކަމުގައި ނޫން ކަމަށެވެ.

ރަޖިސްޓްރީކޮށްގެން ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ގައި، ކަމަށް ވީނަމަވެސް ގެސްޓްހައުސް ވިޔަފާރި ކުރެވޭގޮތަށް އެކަމަށް ހުއްދަ ލިބޭ ގަރާރެއް މަޖިލީހުން ފާސްކުރީ އެ ވެރިކަން ފެށުމުގެ ކުރިން ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މިގޮތުން ރައީސް ވިދާޅުވީ، މާލެ ނޫން އެހެން ތަނެއްގައި ގެސްޓްހައުސް ނުހިންގޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކުރީ، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ކަމަށެވެ.

އަދި ރަށްތަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރެވޭގޮތަށް ސަރުކާރަށް ލާޒިމުކުރާ ގަރާރު މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރަށްރަށުގައި ގެސްޓްހައުސް ހެދުމުގެ ފުރުސަތު ފަހިކޮށްދިން ބޭފުޅުން ތިއްބެވީ ރައީސްގެ އަރިހުގައި ކަމަށާއި އެ ބޭފުޅުންގެ ނަންތައް ފާހަގަކުރައްވާ ރައީސް ވަނީ ލޯކަލް ޓޫރިޒަމްގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމުގެ ޔަޤީން ކަން ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް