ފާރިސް ހިޔާނާތްތެރިވި ކަމަށް ބުނެ ދިޔާނާ ފުލުހަށް މައްސަލަ ހުށަހަޅައިފި

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތެރޭގައި ކުރީގެ ރައީސް މައުމުން އަބްދުލް ގައްޔޫމްއަށް ކާށިދޫ ދާއިރާގެ މެމްމަރު އަބްދުﷲ ޖާބިރު ދެއްވި ފައިސާތަކަށް މައުމުންގެ ދަރިކަލުން ފާރިސް މައުމޫން...

23 Jan 2021 | 12:59

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތެރޭގައި ކުރީގެ ރައީސް މައުމުން އަބްދުލް ގައްޔޫމްއަށް ކާށިދޫ ދާއިރާގެ މެމްމަރު އަބްދުﷲ ޖާބިރު ދެއްވި ފައިސާތަކަށް މައުމުންގެ ދަރިކަލުން ފާރިސް މައުމޫން ހިޔާނާތްތެރިވި ކަމަށް ބުނެ ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅައިފި އެވެ.

މިމައްސަލަ ފުލުހަށް ހުށަހެޅީ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދެވެ. ދިޔާނާ ވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސްކޮށް ސިޓީއެއް ފޮނުއްވާފައި އެވެ.

ޖާބިރު މައުމޫނަށް ދެއްވި ފައިސާ ހޯދަން އޭނާ ވަނީ 2019 ވަނަ އަހަރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި އެވެ. އެކަމަކު މައުމޫން ވަނީ އެމަނިކުފާނަށް އެ ފައިސާ ލިބިފައި ނުވާކަމަށް ކޯޓުގައި ވިދާޅުވެފައި އެވެ.

މި މައްސަލައިގަ ދިޔާނާ ފާރިސް އާއި ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހެޅީ މައުމޫނަށް ދިން 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ މައުމޫން އެދިވަޑައިގެންނެވި ގޮތަށް ދިޔާނާ ފާރިސް އާއި ހަވާލު ކޮށްފައިވާތީ އެވެ. އެ ފައިސާ މައުމޫނަށް ލިބިފައި ނުވާނަމަ ފައިސާއަށް ފާރިސް ފައިސާއަށް ހިޔާނާތްތެރިިވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ.

އެ ފައިސާ ހަވާލު ކުރުމުގެ ކުރިން، މައުމޫނާއި ފާރިސް އަދި ޖާބިރު ބައިވެރިވެގެން މެލޭޝިއާގައި ބޭއްވި ބައްދަލުވުމެއްގައި ދިޔާނާ ވެސް އިންނެވި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ގެރެންޓީއެއްގެ ގޮތުގައި މައުމޫނުގެ ގެކޮޅު ކިނބިގަސްދޮށުގޭގެ ރެޖިސްޓްރީ ދެއްވަން މައުމޫން ހުށަހެޅުއްވި ކަމަށެވެ.

އެކަމަކު ގެރެންޓީއެއްގެ ގޮތުގައި މައުމުންގެ ބަސްފުޅު ފުދޭކަމަށް ޖާބިރު އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް ދިޔާނާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ދިޔާނާ ވިދާޅުވީ އެ ކަން ސާބިތު ކޮށްދެވޭވަރަށް ހެކި އެބަހުރިކަމަށާއި ތަހުގީގަށް ހެކި ދެއްވާނެ ކަމަށެވެ. އޭނާ ވަނީ މި މައްސަލަ ވީހާވެސް އަވަހަކަށް ބަލައި ދިނުމަށް އެދިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް